އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު އެވަޓަންއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުން ދެޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
މިއަދުގެ މި މެޗު ޔުނައިޓެޑުން ފެށީ ގިނަ ބަދަލުތަކަކާއި އެކުގައެވެ. އެގޮތުން އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ސަންޗޯގެ އިތުރުން ޕޮގްބާވެސް ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބްރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއާލެވެ.
އެއް ލަނޑުގެ ލީޑަކާއި އެކު ޔުނައިޓެޑުން މެޗުގެ ފުރަތަމަ ހާފު ނިންމާލި އިރު، ފަހު ހާފު ފެށިގެ ރަނގަޅަށް ކުޅެފައިވަނީ އެވަޓަންއިންނެވެ. މި މެޗުގެ 56 ވަނަ މިނެޓުގައި އިތުބާރު ފޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ސަވްޗޯ ކުޅެން އެރުވިއެވެ. މި ދެ ބަދަލު ގެނައިތާ ދިހަވަރަކަށް މިނެޓު ފަހުން އެވަޓަނުން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
އެވަޓަންއިން މެވުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖެހިިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޮކޫރޭ ދިން ޕާހަކުން އަންޑްރޮސް ޓައުންސެންޑެވެ. އޭގެ ފަހުން މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓޮމް ޑޭވީސް ދިން ބޯޅައަކުން ޔެރީ މީނާ ވަނީ އެވަޓަނަށް ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އޭނާ އޮފްސައިޑުގައި ހުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި 14 ޕޮއިންޓާއި އެކު ޔުނައިޓެޑު އޮތް އިރު، ތިންވަނައިގައި އޮތް އެވަޓަނަށް އަށްވެސް ވަނީ ހަަމަ މިއަދަދަށް ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށްވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން މިހާތަނަށް އަދި ކުޅެފައިވަނީ ހަ މެޗެވެ. ހަތަރުވަނާގައި އޮތް ސިޓީއަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް