ދައްޕަރު މައްސަލައިގެ ޕެޓިޝަން އޮއްބާލަން މަޖިލީހުން މަސައްކަތްކުރުން ބަލައިނުގަނެވޭނެ: ޓްރާންސްޕޭރެންސީ

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސުން ދައްޕަރު ބޭރުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން އޮއްބާލަން މަޖިލީހުގެ ތެރޭން މަސައްކަތްކުރުން ބަލައިނުގަނެވޭނެކަމަށް ޓްރާންސްޕޭރ...

02 Oct 2021 | 12:15

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސުން ދައްޕަރު ބޭރުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން އޮއްބާލަން މަޖިލީހުގެ ތެރޭން މަސައްކަތްކުރުން ބަލައިނުގަނެވޭނެކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ދައްޕަރު މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު އެ މައްސަލައިގައި އެންމެފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ އެ ޕެޓިޝަން ދިރާސާކުރުން މަޑުޖައްސާލުމަށް ބާރުއަޅުއްވާ ވާހަކަދައްކަވާފައެވެ. އެގޮތުން އެ މެމްބަރުން ފާހަގަކުރީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިގެން ހައްލުހޯއްދެވުމަށެވެ.

އެހެންނަމަވެސް ޕެޓިޝަން ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ނިންމެވީ އެ ޕެޓިޝަންގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވަނީ ރައްޔިތުންގެ މަޝްވަރާއަކާ ނުލާ ފިއްލަދޫ އިހްތިސާސުން ދައްޕަރު ވަކިކުރި މައްސަލައިގައި ފިއްލަދޫ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގެ އެއްބާރުލުމާއެކު ހުށަހެޅި ޕެޓިޝަން އޮއްބާލަން މަޖިލީހުން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލާއި އަޑު ސަރުކާރުގެ ވެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކަށް ވީހިނދު ބައެއް މެމްބަރުން ސަރުކާރުގެ މަސްލަހަތު އިސްކުރުމަކީ ހިތާމަކުރާކަމެއް ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

"ރައްޔިތުންނާއި ސީދާ ގުޅިފައިވާ މުހިއްމު މައްސަލަ ތަކުގައި، ރައްޔިތުން ތަމްސީލުކުރުމަށް ހޮވާފައިވާ މެންބަރުންގެ ޒިންމާއަކަށްވާނީ ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ އަޑު އުފުލުން ކަމުގައި ހަނދާންކޮށްދެން. އެހެންކަމުން، ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަން އޮށްބާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލުމާއި އެކު، ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރުކުރުވުމަށް ގޮވާލަންް." - ޓްރާންސްޕޭރެންސީ

ދައްޕަރަކީ ފިއްލަދޫއާ އެއްފަސްގަނޑަށް އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް