އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ބްރިޓިޝް އެއާވޭސްއިން އަނެއްކާވެސް ސީދާ ދަތުރުތައް ފަށައިފި އެވެ.
މިއަހަރު ކުރީ ކޮޅު ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވުމުން އެ ގައުމުން ވަނީ ކޯވިޑާއި ގުޅިގެން އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ދަތުރު ކުރުމަށް ރައްކާތެރި މަންޒިލްތައް ހިމެނޭ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފަ އެވެ. އެ ނިންމުމާއި އެކު ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
މިހާރު ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވުމުން މިދިޔަ ހަފްތާގައި އެ ލިސްޓުގައި ރާއްޖެ އަލުން ވަނީ ހިމަނާފަ އެވެ.
ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ފެށީ މިއަދު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އެ އެއާޕޯޓަށް އަލުން ފެށުމުން މަރުހަބާ ކިޔާފަ އެވެ.
ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރެއް ކުރެ އެވެ. އެ ގައުމަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.
އިނގިރޭސިވިލާތުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަކީ ރާއްޖޭއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ވަރަށް ބޮޑަށް ބަދަލު އައިސް އިތުރުވާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް