އިނގިރޭސި ޕްރިމިއާ ލީގުގައި ހޮވި ސެޕްޓެމްބަރު މަހުގެ "ޕްލޭޔާ އޮފް ދަ މަންތު" ގެ އެވޯޑް މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.
މިފަހަރުގެ ސީޒަނަށް ޔުނައިޓެޑަށް އެނބުރި އައި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔަ ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އެ މަގާމަށް ނޮމިނޭޓްވި ސިޓީގެ ޑިފެންޑަރ ޖާއޯ ކާންޗެލޯއާއި ޗެލްސީގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ، އާއި ނިއުކާސަލްއަށް ކުޅެމުން އަންނަ ވިންގާ އެލަން ސެއިންޓް މަޒިމިން އަދި ލިވްޕޫލް ފޯވާޑް މޮހަމެޑް ސަލާހުގެ އިތުރުން ވެޓްފޯޑްގެ ވިންގާ އިސްމާއިލާ ސަރ އާއި ވާދަކޮށެވެ.
ނިމި ދިޔަ މަހުގެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ ހޯދިއިރު، އޭނާ ވަނީ 12 އަހަރަށް ފަހު އެނބުރި ޔުނައިޓެޑާއި ގުޅުނު ފަހުން ޔުނައިޓެޑް ކުޅުނު ފަސް މެޗުގައި ވެސް ލަނޑުޖަހާފައެވެ. އެގޮތުން މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގައި ތިން ލަނޑު ޖަހާފައިވާއިރު، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުޅުނު ދެ މެޗުގައި ދެ ލަނޑު ވަނީ ޖަހާފައެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ސްޕެއިންގެ ވިޔަރެއާލާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ވަނީ ފަހު ވަގުތު ލަނޑު ޖަހާ އެ ކުލަބު މޮޅު ކޮށްދީފައެވެ.
ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ މޮޅު ކުޅުންތެރިއާއަށް ރޮނާލްޑޯ ހޮވުނުއިރު، މި މަގާމަށް ދެވަނަ އަށް އެންމެ ގާތުންވާދަ ކުރީ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. ތިންވަނަށް ހޮވިފައިވަނީ ޗެލްސީގެ ޑިފެންޑަރ ރުޑިގާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް