އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ހަތް ލައްކައަށް އަރައިފި އެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިހާރު އެ ގައުމުން ކޯވިޑް ޖެހިގެން ދުވާލަކު 2،000 އަށްވުރެ ގިނަ މީހުން މަރުވެ އެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައިވެސް ކޯވިޑްގައި2،441 މީހުން މަރުވެފަވެ އެވެ.
މިދުވަސްވަރު އެގައުމުގައި ކޯވިޑް ޑެލްޓާ ވޭރިއަންޓު ހަލުވިކަމާއި އެކު ފެތުރެމުންދާއިރު ބަލި ޖެހޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އިއްޔެ އެއްލައްކަ 26 ހާސް މީހުންނަށް ކޯވިޑް ޖެހުނު އިރު މިހާތަނަށް ކޯވިޑް ޖެހުނު އަދަދު ވަނީ 436 މިލިއަނަށް އަރާފަ އެވެ.
ދުނިޔޭގައި އަނެއްކާވެސް އެންމެ ހަލުވިކަމާއި އެކު މިހާޜު ކޯވިޑް ފެތުރެމުންދަނީ އެމެރިކާ އެވެ. މިއާއި އެކު އެ ގައުމުގައި ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވާން ފަށާފަ އެވެ.
ކޯވިޑް ކޮންޓްރޯލް ކުރުމަށް ވެކްސިންގެ ބޫސްޓާ ޑޯޒެއް ދޭން ނިންމާފައިވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާނު ކުރައްވަފަ އެވެ. އެކަމަކު މި ނިންމުމާއި މެދު ސިއްހީ ދާއިރާގެ ސައިންސްވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.
ތަފާސް ހިސާބު ދައްކާގޮތުން އެމެރިކާގެ ވެކްސިން ޖެހޭ އާބާދީގެ 56 ޕަސެންޓަށް ވަނީ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި 65 ޕަސެންޓު މީހުން ވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް