އެ މަރަށް ނުވަ އަހަރު، އިންސާފު ވީ ތަނެއް އެނގޭތަ؟

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، ވަރަށް އަނިޔާވެރިގޮތަކަށް ހަމަލާދީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއަށް މިއަދަށް 9 އަހަރު ވީއެވެ. ޑރ. އަފްރާޝީމް އަ...

02 Oct 2021 | 08:34

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް، ވަރަށް އަނިޔާވެރިގޮތަކަށް ހަމަލާދީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއަށް މިއަދަށް 9 އަހަރު ވީއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމުން ކުރިއަށްގެންދިޔަ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމް ނިންމަވާލެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގަތް ވަގުތު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެ ސިޑިމަތިން ދިން ލާއިންސާނީ ހަމަލާތަކެއްގައެވެ.

އެރޭ ދަންވަރު ގާތްގަނޑަކަށް 01:15 ހާއިރު ހިނގި މިހާދިސާއަށްފަހު، ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނިކޮށް އެންމެ ފުރަތަމަ ފެނިވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ގުރައިޝާ މުހައްމަދަށެވެ.

އެންމެ ފަހު ކަމަކަށް އެދިވަދައިގަތީ "ކާން ހެއްދެވުމަށް"

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އެރޭ ގާތްގަނޑަކަށް 12:00 އެހާއިރު އަނބިކަނބަލުންނަށް ފޯނުން ގުޅުއްވާފައި ކާން ހެއްދެވުމަށްވެސް އެދިވަޑައިގެންފައިވެއެވެ. ކާން ހައްދަވައިގެން ހުންނަވައި، އެމަނިކުފާނު ގެއަށް ވަޑައިގަތުން ލަސްވާތީ އެގޭގެ 3 ވަނަ ބުރިން ތިރި ބައްލަވާލެއްވުމުން އެމަނިކުފާނުގެ ކާރު ފެނިވަޑައިގަތް ކަމަށް ގުރައިޝާ ވަނީ ވިދާޅުވެފައެވެ.

ގެއަށް ވަދެވަޑައިނުގެން މާގިނައިރުވާތީ ތިރިއަށް ފައިބައިވަޑައިގަތްއިރު، ޑރ. އަފްރާޝީމްގެ ލެއިން ތަތްތެޅިފައިވާ ހަށިކޮޅު ފެނިވަޑައިގަތީ ގޭގެ އެންމެ ތިރީބުރީގައި ސިޑިމަތީގައި އޮއްވާ ކަމަށް އަނބިކަނބަލުން ވިދާޅުވެފައިވެއެވެ.

މި ލާއިންސާނީ ގަތުލުގެ އަޑީގައި ތިބީ ކޮން ބައެއް؟

އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. ޝާން އަކީ، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އަދި އޭނާ އަކީ މިހާރުގެ ސިޔާސީ ބައެއް އިސްބޭފުޅުންގެ ގާތް އެކުވެރިއެކެވެ.

ޝާން އާއި ހުމާމްގެ އިތުރުން އޭރު އުމުރުން 18 ނުފުރޭ ކުއްޖަކަށް ވެސް ދައުވާކުރި އެވެ. އޭނާގެ ބައިވެރިވެރިވުން ވެސް ވަރަށް ބޮޑަށް އޮތްކަން ވަނީ ހާމަވެފަ އެވެ. އަފްރާޝީމަށް ހަމަލާ ދިނުމަށް އަޒްލިފް ބޭނުންކޮށްފައިވަނީ އޭނާ އިސްކޮށް އުޅޭ ގޭންގުގައި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގައި އޭނާ އަށް އެހީވާ މީހުންނާއި ކުދިންނެވެ.

އެހެންނަމަވެސް އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އުފައްދަވާފައިވާ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓު ބުނާގޮތުން އަފްރާޝީމްގެ މަރުގެ ފަހަތުގައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ އަތެވެ. މިކަމުގައި ސިޔާސީ އެއްވެސް ބައެއްގެ އަތެއްވާކަން ކޮމިޝަނުގެ ތަހުގީގަށް އެނގިފައި ނުވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވެއެވެ. ރިޔާސީ ކޮމިޝަންގެ އެ ރިޕޯޓް ސަރުކާރުން އާންމުކޮށްފައިވަނީ 2019 އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.

ރާގަށް ބަދަލެއް: މިހާރު ބުނަނީ މި މައްސަލައިގެ އަޑީގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް

2012 ވަނަ އަހަރު ހިނގައިދިޔަ މިހާދިސާއާ ގުޅިގެން، ރިޔާސީ ކޮމިޝަނުން މައްސަލަ ތަހްގީގުކުރަން ފެށުމުގެކުރިން މުޅިންވެސް އިވެމުންދިޔައީ އެކަމުގައި ސިޔާސީ ބައެއްގެ އަތެއްވާކަމުގެ ވާހަކަތަކެވެ. ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައިވަނީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ވަރަށް ބޮޑަށް ރޭވިގެންކަމުގެ ވާހަކައެވެ. އެމައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް މީޑިއާއަށް ހާމަކުރީ މިހެންނެވެ.

އެކަމަކު، ހާދިސާގެ މާފަހުން އުފެއްދި ރިޔާސީ ކޮމިޝަނުން ހިންގި ތަހްގީގަށްފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ތަހުގީގުކުރުމުގައި ކުރިމަތިވި ގޮންޖެހުންތައް ބޮޑު ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކީ، ހާދިސާ ހިނގިފަހުން ގިނައަހަރުތަކެއް ފާއިތުވެފައިވުމުގެ ސަބަބުން އިތުރު ހެކި ހޯދުމުގައި ހުރި ދަތިތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދައި އެއްކޮށްފައިވާ ކަމަށް ގަބުލުކުރެވޭ ސީސީޓީވީ ފުޓޭޖް އާއި އިންޓެލިޖެންސް މައުލޫމާާތާއި ކޯލް ޑޭޓާގެ ތެރެއިން ބައެއް ތަކެތި ނުލިބުން ކަމަށެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހަނގުރާމަ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސްފައި ތިބުމާއި، ހެކިބަސްދޭން ތިބި ބައެއް މީހުން ހެކިބަސް ދީފިނަމަ އެމީސްމީހުންގެ ޖާނާއި ފުރާނައަށް ނުރައްކާ އޮތްކަމަށް ބުނެ ހެކިބަސްދިނުމަށް އިންކާރުކުރި ކަންވެސް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން އެބަޔަކު ބޭނުންވި ސަބަބު ހޯދުމަށާއި، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި މީހުންނާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމަށްޓަކައި ކޮމިޝަނުގެ ފަރާތުން ތަހުގީގު ކުރިއަށް ގެންދިޔައީ މިވަގުތަށް ކޮމިޝަނަށް ލިބެންހުރި ހެއްކާއި ގަރީނާތަކުގެ އަލީގައި ހަގީގަތަކީ ކޮބައިކަން ދެނެގަތުމަށް ކަމަށެވެ.

ކޮމިޝަނުން އެކުލަވާލި 121 ސޮފްހާގެ ރިޕޯޓްގައި ބުނެފައިވަނީ، ކޮމިޝަނުން ކުރި ތަހުގީގުންނާއި ބެލިބެލުމުން ހެކިބަސްތަކުން ދޭހަވަނީ ޑރ. އަފްރާޝީމްގެ މަރާއި އަޒްލިފް ރައޫފް އާއި ގުޅުން އޮތްކަމާއި އަޒްލިފް ރައޫފްއަކީ ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހެއް ކަމެވެ. އަދި ޑރ. އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން ޖެހޭކަމަށް އަޒްލިފް ރައޫފް ގަބޫލުކުރާ ކަންވެސް ރިޕޯޓުގައިވެއެވެ. މިމައްސަލައިގައި ތަހުގީގަށްފަހު ފުލުހުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުގައިވެސް އެމައްސަލައިގައި އަޒުލިފްގެ މައްޗަށް ވަނީ ތުހުމަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރީނާތަކުގެ އަލީގައި އެ ކޮމިޝަނަށް ބުރަވެވެނީ ޑރ. އަފްރާޝީމް އަލީ ގަތުލުކުރުމަށް ރާވައި އެކަމަށް ޚަރަދުކޮށް މިކަން ތަންފީޒުކޮށްފައިވަނީ މާލޭ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގައި ހަރަކާތްތެރިވާ ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތުން ކަމަށެވެ. އެކޮމިޝަނަށް މައުލޫމާތުދިން 4 ސިއްރު ހެކިންގެ ބަހުންނާއި، ފުލުހުން އެކިއެކި މައްސަލަތަކުގައި އެއްކޮށްފައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން އެނގޭގޮތުގައި، އެކަމުގެ އަޑީގައި ތިބީ، އަދި އެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ، ކޮމިޝަނަށް ލިބިފައިވާ ހެއްކާ ގަރީނާތަކުގެ އަލީގައި ކޮމިޝަނަށް ގަބޫލުކުރެވެނީ، ހަރުކަށި ޖިހާދީ ފިކުރުގެ މިޖަމާއަތުން ޑރ. އަފްރާޝީމް މަރާލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ސަބަބަކީ ޑރ. އަފްރާޝީމް ދައްކަވާފައިވާ ވާހަކަތަކަކީ ކުފުރުގެ ވާހަކަތަކެއް ކަމަށް އެޖަމާއަތަށް ފެންނާތީ އާއި ކީރިތި ރަސޫލާގެ ސުންނަތަށް ފުރައްސާރަކޮށް ހަރާމް ކަންތައްތައް ހަލާލުކޮށް ޑރ. އަފްރާޝީމް ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް އެ ޖަމާއަތުން ގަބޫލުކުރާތީ ކަމަށެވެ.

މީގެ އިތުރަށް ޑރ. އަފްރާޝީމް އަވާހަކޮށްލުމުގެ ތުހުމަތު ސިޔާސީ މީހުންނަށާއި، އެމްޑީޕީއަށް ކުރި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނުފެނުނު ކަމަށްވެސް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ. އަދި އެމައްސަލައިގެ ތުހުމަތު ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ބައެއް ފަރާތްތަކުން ކުރި ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ގަރީނާއެއްވެސް ހޯދިފައި ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޔާސީ ކޮމިޝަނުން ބުނީ އެކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރިނާތަކަށް ބަލާއިރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަމަލީ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އާއި، ހ. ހިކޯސްޓް އަލީ ޝާންއާއި ކުޑަކުއްޖާގެ އިތުރަށް، އިތުރަށް އެހެން ބަޔަކު އެމަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެމީހުން ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާއަށްފަހު ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ، އެމައްސަލާގެ އެބައި ތަހުގީގުކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓް ނިންމާލަމުން ބުނެފައިވެއެވެ.

އެކަމަކު ކުރިން ސިޔާސީ މީހުންނަށް ތުހުމަތުކޮށް ފަހުން  މުޅި މައްސަލަ ދީނީ ހަރުކަށި ފިކުރުގެ ބައެއްގެ ބޮލުގައި އެޅުވުމުން، ޑރ. އަފްރާޝީމްގެ މަރަށް އިންސާފު ލިބޭނެކަމަށް އާއިލާއަށް އޮތް އުންމީދު ގެއްލިގެން ގޮސްފައިވާ ކަމަށް، އެ އައިލާއިން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ހިންގަމުންދާތާ 9 އަހަރު ފުރިއްޖެއެވެ. އިންސާފު ވީތަނެއް ނޭނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް