ދިވެހި ސަޕޯޓަރުން ދިވެހި ގައުމީޓީމަށް - ހިއްވަރު އެލުވާނުލާ، އަހަރެމެން މި ތިބީ ގައުމީޓިމާއި އެކު!.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިއްޔެ ފެށުނުއިރު، މުބާރާތުގެ ދެވަނަ މެޗުގައި ނޭޕާލާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން 0-1 އިން ރާއްޖެ ބަލިވި ބަލިވުން ހުރިހާ ދިވެހިން މާޔޫސް ކުރުވިއެވެ....

02 Oct 2021 | 07:25

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިއްޔެ ފެށުނުއިރު، މުބާރާތުގެ ދެވަނަ މެޗުގައި ނޭޕާލާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން 0-1 އިން ރާއްޖެ ބަލިވި ބަލިވުން ހުރިހާ ދިވެހިން މާޔޫސް ކުރުވިއެވެ. ދިވެހި ގައުމީޓީމަށް ހިތްވަރުދީ ޓީމަށް ސަޕޯޓް ކުރުމަށް ގަލޮޅު ދަނޑަށް ވަދެތިބި އެތައް ހާސް ސަޕޯޓަރުންގެން އުންމީދުތައް ވެއްޔާ މޮޑެވިގެން ދިޔައެވެ. މެޗުގެ ފަހު ވަގުތު ރާއްޖެ ކޮޅަށް ނޭޕާލުން ވައްދާލި ގޯލާއި އެކު ދިވެހި ގައުމީ ޓީމު ބަލިވުމުންނެވެ.

ދިވެހީންނޭވެ. އުންމީދު ކަނޑާ ނުލާށެވެ. ހިތްވަރާއި އެކު ވަރުގަދަ އަޒުމެއްގައި ދިވެހި ގައުމީޓީމާއި އެކު ވާށެވެ. ކާމިޔާބަކީ ވަކި ބައެއްގެ ހައްގެއް ނޫނެވެ. ހިތްވަރާއި އެކު މަސައްކަތް ކުރާ ހަމަ ކޮންމެ ބައެއްގެ ވެސް ހައްގެކެވެ. އަޅުގަނޑު މިހެން ބުނާއިރުވެސް އެނގެއެވެ. ދިވެހި ސަޕޯޓަރުން ތިބީ ދޫކުރާ ގޮަތަކަށް ނޫނެވެ. ދިވެހި ގައުމީޓީމާއި އެކު ވަރުގަދަ އަޒުމެއްގައި ކުރިޔަށް ދާށެވެ.

މުބާރާތުގައި ކުރިޔަށް އަދި ބާކީ ތިންމެޗު އެބައޮތެވެ. އެއީ މިމަހުގެ ހަތްވަނަ ދުވަހު ބަނގްލަދޭޝްއާއި އެކު ކުޅޭ މެޗާއި، މިމަހުގެ ދިހަވަނަ ދުވަހު ސްރީލަންކާއާއި އެކު ކުޅޭ މެޗުގެ އިތުރުން މިމަހުގެ13 ވަނަ ދުވަހު އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗެވެ.

ދިވެހިންނޭވެ. މެޗަކުން ބަލިވާއިރަށް މާޔޫސްވެ ހިތްވަރު އެލުވާލާކަށް އަދި ނުޖެހެއެވެ. މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅާއި އެކު އަމިއްލަ ފަސްގަނޑުގައި ކުޅޭ މި މުބާރާތުގައި ރާއްޖެ ދެން ކުޅެން ޖެހޭ ތިން މެޗުންވެސް މޮޅުވާނެއެވެ. ދިވެހި ސަޕޯޓަރުންގެ އެހީތެރިކަމާއި އެކު އަޅުގަނޑުމެންގެ ދިވެހި ޓީމު އޮތީ މިފަހަރު އަމިއްލަ ގައުމުގައި ކުޅޭ މި މުބާރާތް ކާމިޔާބު ކޮށް ދިވެހިން ފަޙުރުވެރި ކުރުވުމުގެ ވަރުގަދަ އަޒުމުގައެވެ. އަޅުގަނޑުމެންގެ މި ގައުމު ފަޙުރުވެރި ކުރުވުމަށް ގައުމީޓީމު ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވާށެވެ.

އެހެން ކަމުން އަޅުގަނޑުމެން އެންމެހާ ދިވެހިން އެއް އަޒުމެއްގައި އެކަތިގަނޑަކަށް ވެގެން މުބާރާތުގެ ދެވަނަ މެޗުގައި ބަނގްލަދޭޝްއާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވަމާ ހިނގާށެވެ. ކުރިޔަށް އޮތް މެޗުތަކުގައި ދިވެހި ޓީމަށް ހިތްވަރުދީ ސަޕޯޓުދޭން ގަލޮޅު ދަނޑު ފުރާލަމާ ހިނގާށެވެ. މު ޅި ދަނޑު ގަދަ ރަތް ކުލައިން ފަވާލަމާ ހިނގާށެވެ. އިންޝާﷲ ކާމިޔާބު ލިބޭނެއެވެ.

އެއްވެސް ދިވެހި ރައްޔިތަކުން މާޔޫސް ވެ އުންމީދު ކަނޑާ ނުލާށެވެ. މިއީ ތިންވަނަ ފަހަރެވެ. މިއީއެފަހަރެވެ. މިއީ އަޅުގަނޑުމެންގެ މަހަލްދީބެވެ. މިފަހަރު އަޅުގަނޑުމެން މިކަން ކުރާނަމަވެ. އިންޝާﷲ ތިންވަނަ ފަހަރަށް މުބާރާތުގެ ތަށިން މި ދިވެހި ފަސްގަނޑުގައި ބަހައްޓާނަމެވެ. މިއީ އަހަރެމެން ދިވެހިންގެ އުންމީދެވެ. އަޒުމެވެ. ދިވެހިންނަކީ އުންމީދެއް އަޒުމެއް އޮން ނަމަ އެކަން ވަރަށް ފުރިހަމައަށް ކާމިޔާބު ކުރާނެ ބައެކެވެ. އެކަން ވަނީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައެވެ.

މިއީ އަހަރެމެންގެ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް