އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ދައްކަވާ މޫނު ހުންނަވާ ގޮތާއި އޭނާގެ އަމަލުތައް ހުންނަވަނީ އެހެން ގޮތަކަށް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮތް ދުވަހުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މަހުލޫފަށް ވާދަކުރަން ފުރުސަތު ދިން ގޮތަކާއި އުސޫލެއް ސާފު ނުވާ ކަމަށް ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެން އަވަސް ނޫހުން ގެނެސްދިން ޕްރޮގުރާމެއްގައި ރައްދުގައި ވާހަކަދައްކަވަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އޮވެގެން އެންމެ ފުރަތަމަ އިންތިޚާބުގައި ވާދަކުރަން ފުރުސަތެއް ނުދިނެވެ. އެކަމަކު އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން އެ ފުރުސަތު ދިނުމުން މަހުލޫފު ވަނީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައެވެ.
މަހުލޫފު ވިދާޅުވީ އެންމެ ފުރަތަމަ ވެސް އޭނާއަށް ވާދަކުރުމުގެ ފުރުސަތު ނުދިނީ އެ ނަތީޖާ ނެރެގެން އިންތިޚާބު ކާމިޔާބު ކުރާނެ ކަން އެނގޭތީ އެ ގޮތް ބޭނުން ނުވާ ބަޔަކު އެ ފުރުސަތު ނުދިނުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނުރުހުން މަހުުލޫފަށް އޮތް ކަމަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންތައްތައް ކަމަށް މަހުލޫފު ވިދާޅުވެއެވެ،
ހަސަން ބޭނުންވީ އެ އިންތިޚާބު އޮޅުވާލަން މަހުލޫފު އެހީތެރިވެދިނުމަށް ކަމަށާއި އެކަމަކު އެއީ އޭނާ ހުރި މަގާމުގެ އިހްތިސޯސް ވެސް ހިނގާ ކަމެއް ނޫން ކަމަށް މަހުލޫފު ވިދާޅުވިއެވެ.
"ޗެއާޕާސަން ދައްކަވަނީ އެހެން މޫނެއް، އަމަލުތައް ހުންވަނީ އެހެން ގޮތަކަށް، އަޅުގަނޑަށް ވަރަ ހަޑި ލަދުވެތި ކަމަކަށް އެ ފެންނަނީ،" މަހުލޫފު ހަސަނަށް ފާޑުވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް