ރައީސް އާއި ޑީލް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން: އިބޫ

ރައީސް އަބްދުﷲ ޔާމީން ހިންގަވާފައިވާ ގާނޫނާއި ހިލާފު އަމަލެއް ވާނަމަ އެކަމާ ކުރިމަތިލައްވަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ކުރީ...

02 Oct 2018 | 11:26

ރައީސް އަބްދުﷲ ޔާމީން ހިންގަވާފައިވާ ގާނޫނާއި ހިލާފު އަމަލެއް ވާނަމަ އެކަމާ ކުރިމަތިލައްވަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީނާއި އެކު ގާނޫނާއި ހިލާފު އެއްވެސް ޑީލަކަށް ވަޑައި ނުގެންނަވާނެ ކަމަށެވެ. އިބޫ ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށް ފަހު ރައީސް ޔާމީން ބަލި ގަބޫލު ކުރައްވަން ކުއްލިއަކަށް ދެކޮޅު ހައްދަވަން ފެއްޓެވުމަކީ ތުހުމަތު ކުރެވޭ ކަންކަމުން ރެކިވަޑައިގެންނެވުމަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ގާނޫނާ ޚިލާފު އަމަލެއް ހިންގައި މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި އޮވެއްޖެ ނަމަ އެކަން މުއައްސަސާތަކުން ބަލަން ޖެހޭނެ އެވެ. ވަކި މީހަކީ ގާނޫނު ނުހިނގާ ނުވަތަ އިސްތިސްނާކުރެވޭނެ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީއަކީ އެ ކަހަލަ ޑީލަކަށް ދާކަށެއް ނޫން. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް. ދެން އޮތީ ރައްޔިތުންގެ ނިންމުން. އެއާއެކީގައި ކުރިއަށް ދާނީ. އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން މިކަން ހައްލުކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ،" އިބޫ ވިދާޅުވި އެވެ.

ރައީސް ޔާމީން ރޭ ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. ރައީސް ވިދާޅުވީ އިސީ އޮތީ ނުފޫޒެއްގެ ތެރޭގައި ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 96،000 ވޯޓު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސްގެ މި ވާހަކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ މުޒާހަރާކުރައްވައިގެން، އެމަނިކުފާނަށް ތުހުމަތުކުރާ ގާނޫނާ ޚިލާފު ކަންކަމުން ރެކިވަޑައިގަނެ ނުވަތަ "ޑީލެއްގެ" ދަށުން ނަމަވެސް އިންސާފާ ކުރިމަތި ނުލެއްވޭނެ ގޮތެއް ހޯއްދެވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް