ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކުރީ ގާނޫނާއި އެއްގޮތަށް: މުއާޒު

މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރީ ގާނޫނާއި އެއްގޮތަށް ކަމަށް ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވެއްޖެ އެވެ. މުއާޒު މިހެން ވިދާޅުވީ އަލްޖަޒިރާ ނ...

02 Oct 2018 | 07:28

މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާ ކުރީ ގާނޫނާއި އެއްގޮތަށް ކަމަށް ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވެއްޖެ އެވެ.

މުއާޒު މިހެން ވިދާޅުވީ އަލްޖަޒިރާ ނިއުސް އިން ގެނެސްދިން ރިޕޯޓާއި ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އިންތިހާބު ވަރަށް ކައިރިވެފައި ވެފައި ވަނިކޮށް، ދެ ފަހަރެއްގެ މަތިން 1.5 މިލިއަން ޑޮލަރު (22.5 މިލިއަން ރުފިޔާ)، އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން މުއާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ރައީސް ޔާމީން ވަކި ބޭންކް އެކައުންޓެއް ހަމަޖައްސަފާވައިވާކަމަށެވެ. އަދި ގަވައިދުން އެ އެކައުންޓަށް ފައިސާ ޖަމާކުރައްވަމުން ގެންދެވި ކަމަށެވެ.

އެކަމަކު އެކަމުގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނޫޅޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އެއްވެސް ފައިސާއެއް އެ އެކައުންޓަށް ޖަމާވެފައި ނުވާ ކަމަށެވެ.

https://twitter.com/SpokespersonMV/status/1047014432990224385

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި  ސެޕްޓެމްބަރު 5 ގައި 648،508 ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ސެޕްޓެމްބަރު 10 ގައި އިތުރު 810،635 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

އެކަން ހާމަވީ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއަކުން ކަމަށެވެ އެވެ.

އެކަމާ ގުޅޭގޮތުން މުއާޒު ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު ތަފްސީލް ހޯއްދަވަން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރަށް، ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. އެފްއައިޔޫ އިން ފުލުހުންނަށް ސިޓީއެއް ފޮނުވި ނަމަވެސް އެއީ އޭނާ އަށް އެނގިވަޑައިގެން ހިނގާފައި އޮތް ކަމެއް ނޫން ކަމަށް ގަވަރުނަރު ރައީސަށް ދެންނެވި ކަމަށެވެ.  އަދި އެކަން ބަލައި ރައީސް ގާނޫނާއި ހިލާފު ކަމެއް ކުރައްވާފައި ނުވާތީ އެ ސިޓީ އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް