އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް 1.5 މިލިއަން ޑޮލަރު (22.5 މިލިއަން ރުފިޔާ) ޖަމާވި ކަމަށްބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިކަން ރިޕޯޓުކޮށްފައިވަނީ އަލްޖަޒީރާ ނިއުސްއިންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުގައި އެ ފައިސާ ރައީސްގެ އެ ކައުންޓަށް ޖަމާވީ ދެ ދުވަހެއްގެ މަތިން މިދިޔަ މަހު އެވެ.
އަލްޖަޒީރާއިން އެ މައުލޫމާތު ހޯދީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކަން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ ސަމާލު ކަމަށް ގެނެސް ތަހުގީގު ކޮށްދިނުމަށް އެދި ފޮނުވި ސިޓީ އަކުން ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އެފަދަ މައްސަލައެއް ހުށަހެޅިކަން ނުވަތަ ނޫންކަން އެމްއެމްއޭއިންނާއި ޕޮލިހުން ރަސްމީކޮށެއް މީޑިއާއަކު ނުބުނެ އެވެ.
އަލްޖަޒީރާއިން ބުނީ، ސެޕްޓެމްބަރު ފަހެއް ގައި 648،508 ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ސެޕްޓެމްބަރު 10 ގައި އިތުރު 810،635 ޑޮލަރު ޖަމާކޮށްފައިވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ ފަހުން އެ ހުރިހާ ފައިސާއެއް ނަގުދު ފައިސާއިން އެކައުންޓުން ނަގާފައިވާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ. މީގެ އިތުރުން، އެމްއެމްއޭ އިން އެ ފައިސާގެ ތަފްސީލު ހޯދަން ގުޅުމުން، އެ ފައިސާއަކީ ރައީސް ޔާމީނަށް ހެޔޮ އެދޭ ކުންފުނިތަކާއި އެކިއެކި ފަރާތްތަކުން އިންތިހާބުގެ ހަރަދުތަކަށް ހަދިޔާކޮށްފައިވާ ފައިސާކަމުގައި ރައީސް ޔާމީނުގެ ފަރާތުން ބޭފުޅަކު ވިދާޅުވެފައިވާކަމަށް އެ ސިޓީގައިވެ އެވެ.
އެ މުއާމަލާތްތައް ބަލައިދިނުމަށް އެފްއައިޔޫން އެދުނީ ރިޔާސީ އިންތިހާބުގެ ކުރިން މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށް ވެ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފުލުހުން އޭރު އެ ތަހުގީގު ފަށާފައި ނުވިޔަސް، އިންތިހާބުގެ ފަހުން އެ ތަހުގީގަށް ފުލުހުންގެ ބައެއް އޮފިސަރުން ބާރު އަޅާފައިވެ އެވެ.
ރައީސް ޔާމީންގެ މިފަދަ މައްސަލައެއް ފެންމަތިވި އިރު އިއްޔެ ވަނީ، ފުލުހުންގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް، އަބްދުﷲ ނަވާޒު އެ މަގާމުން ވަކިކުރައްވައި، ހަމްދޫން ރަޝީދު، ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް