އިލެކްޝަންސް ކޮމިޝަން ޖަބާވުދާރީ ކުރުވަން ކަމަށް ބުނެ މަގުމައްޗަށް ނުކުތުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނަށް ދިއުމަށް އެ ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބު ގޮވާލައްވައިފި އެވެ.
މެންބަރު ހަބީބު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ތިއްބެވީ ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވީ ޖަވާބުދާރީ ކުރުވޭނީ މަގުމަތިން ނޫންކަމަށެވެ.
އަދި އީސީގެ ރައީސް އަހުމަދު ޝަރީފާއި މެންބަރުންގެ އަބުރު ކަތިލުމުގެ ބަދަލުގައި ޒިންމާދާރު ޕާޓީއަކަށް ވެރިކަން ކުރާ ޕީޕީއެމް ވުމަށް ގޮވާލައްވާފައިވެ އެވެ.
ހަބީބު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކުރަންޖެހޭ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހަބީބު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންނެވި ޕީޕީއެމްއަށް އީސީގެ މެންބަރުންނަސް ބަޔަކު ނުފޯޒު ފޯރުވާފައިވާކަން ކަށަވަރުވެފައިވާ ކަމަށް ރޭ މުޒާހަރާއަށް ނުކުމެ އީސީ ޖަވާބުދާރީވުމަށް ގޮވާލާފައިވާތީ އެވެ. ޕީޕީއެމްއިން ވަނީ ކޮމިޝަނުގެ ރައީސް ޝަރީފުގެ އިސްތިއުފާއަށްވެސް ގޮވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް