އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރާފައިވާ ކަމަށާއި އެހެން ނޫންނަމަ މިއަށްވުރެ ގިނަ ވޯޓު ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ 134،705 ވޯޓާއެކު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
އިންތިހާބު ނިމުނުތާ ހަފްތާއެއް ވީފަހުން ޕީޕީއެމްއަށް ވަނީ އިލެކްޝަންސް ކޮމިޝަން އޮތީ ނުފޫޒެއްގެ ތެރޭގައި އޮތްކަން އެނގި ކޮމިޝަންގެ ރައީސްގެ އޯޑިއޯއެއް ލީކުވެފައިވާތީ އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެކަމަށް ގޮވާލާ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީ ކުރި މުޒާހަރާގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ޝަރީފްގެ އޯޑިއޯގެ ސަބަބުން އީސީއަށް ނުފޫޒު ފޯރުވާފައިކަން ހުރިހާ ދިިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ. އަދި ނުފޫޒެއް ނެތް ނަމަ އެގޮތަށް ވާހަކަ ދައްކަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ އޯޑިއޯއިން އިލެކްޝަނަަށް ނުފޫޒު ފޯރުވާފައި ހުރި ކަމަށް ހުރިހާ ރައްޔިތުންވެސް ނިންމާނެ ކަމަށެވެ. އަދި އެނޫންނަމަ އެމަނިކުފާނަށް 96،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ހަމަ ހަގީގަތުގައިވެސް ހިތާ ހިތާ އެބަ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލުވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓްހެއްޔޭ؟ މިތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މިއަށް ވުރެ ގިނައިންނޭ އަޅުގަނޑަށް ވޯޓް ލިބޭނީ. އީސީއިން ވަކި ގޮތަކަށް މި މައްސަލައިގައި ޖަވާބު ދޭން ޖެހެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅުންނަކީ ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅުން ނަމަ، އީސީއާ މެދު ތުހުމަތު ކުރެވޭ ކަންތައްތަކާ މެދު އެބޭފުޅުން ވެސް ކަންބޮޑުވެ އެކަމާ ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ. އީސީގެ ފަރާތުން ކަންތައްތަކަށްް އެދެވޭ ޖަވާބެއް ލިބެންދެން މުޒާހަރާތައް ޕީޕީއެމްއިން ކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް