ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށް ނުކުންނައިރު، އެންމެ ފަހުން ތިން ސީޒަންގެ ޗެމްޕިއަންސް ރެއާލް މެޑްރިޑަށް އަނިޔާގެ މައްސަލައާ ކުރިމަތިލާން ޖެހިއްޖެއެވެ.
ފާއިތުވި 9 އަހަރު ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވުމުން، ރެއާލްގެ އެޓޭކް މި ސީޒަންގައި އެންމެ ބޮޑަށް ބަރޯސާވެފައި އޮތީ ވޭލްސްގެ ގެރެތު ބޭލް އަށެވެ. ރެއާލް އެންމެ ފަހުން ލަލީގާގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޭލްއަށް ސީރިއަސް އަނިޔާއެއްވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ވަނީ ޔަގީން ވެފައެވެ. އެހެންކަމުން އޭނާ މިރޭގެ މެޗުގެ ސްކޮޑަށް ނަގާފައި ނުވާއިރު، ލެފްޓްބެކް މާސެލޯ އާއި އިސްކޯ ވެސް އަނިޔާގެ ސަބަބުން މެޗް ސްކޮޑަށް ނަގާފައެއް ނުވެއެވެ.
އަނެއްކޮޅުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ސްކޮޑަށް ނުނެގީ ކޯޗާ މައްސަލަތަކެއް ޖެހިގެން ކަމަށް ބުނެ އަޑުތައް ފެތުރުނު ނަމަވެސް، އެ ޓީމުގެ ކޯޗު ލެޕޮޓެގީގެ ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ. ބެލެވޭ ގޮތުގައި ސާޖިއޯ ރާމޯސް މިރޭގެ މެޗަށް ނުނެގީ އެތުލެޓިކޯ މެޗުގައި ބޮލަށް އަނިޔާވުމުގެ އިތުރުން، ކައިރި ކައިރީގައި މެޗުތައް ހުރުމުން އަރާމުކުރަން ވަގުތު ދިނުމަށެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް ފުރަތަމަ ކުޅުނު މެޗުން ރޯމާގެ މައްޗަށް 3-0 ގެ މޮޅު ކާމިޔާބީއެއް ހޯދި ނަމަވެސް، އެއަށްފަހު ލީގުގައި ކުޅުނު 2 މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އަނެއްކޮޅުން އެ ދެ މެޗުން އެންމެ ލަނޑެއް ވެސް ޖެހިފައިނުވާއިރު، ބޭލް ނެތުމުން ރެއާލްގެ އެޓޭކަށް މިރޭގައި އިތުރު ހީނަރުކަން އަންނާނެއެވެ. ހަމައެހެންމެ ރެއާލްގެ ފުރަތަމަ 11 ގައި ފަށާ 4 ޑިފެންޑަރުންގެ ތެރެއިން 3 ޑިފެންޑަރުން ނުލާ، މިރޭގެ މެޗާ ކުރިމަތިލާން ޖެހުމަކީ ލެޕޮޓެގީގެ ބޮލު ރިހުމަކަށް ވާނެއެވެ.
ސީއެސްކޭއޭ މޮސްކޯއަށް ބަލާއިރު، އެ ޓީމުގެ ފޯވާޑް އަބެލް ހެނާންޑޭޒް ފިޔަވާ އެހެން ކުޅުންތެރިޔަކު އަނިޔާގައެއް ނެތެވެ. އެހެނަސް، ފުރަތަމަ މެޗުން ވިކްޓޯރިއާ އަތުން މޮޅުވާނެކަމަށް ބެލެވުނު ނަމަވެސް ފަހު ވަގުތު އުނދަގޫ އެއްވަރެއް ލިބުމުގެ އިތުރުން، ފާއިތުވި ސީޒަންގައި ވެސް ގްރޫޕް ސްޓޭޖުން ދަށް ނަތީޖާތަކެއް ނެރެވުމަކީ މޮސްކޯއަށް އޮތް ނުތަނަވަސް ކަމެކެވެ.
ރެއާލް މެޑްރިޑާ ސީއެސްކޭއޭ މޮސްކޯ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ. މި ގްރޫޕްގައި ރޯމާ އާއި ވިކްޓޯރިއާ ޕްލެޒެން ބައްދަލުކުރާ މެޗު ވެސް ފެށޭނީ ހަމަ އެ ގަޑީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް