ޗެމްޕިއަންސް ލީގު: މަގާމުގެ ބިރާ ކުރިމަތިވެފައިވާ މޮރީނިއޯއަށް ބޮޑު އިމްތިހާނެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް، އެ ޓީމުގެ ދެ ވަނަ މެޗާ ކުރިމަތިލާއިރު، މިއީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއަށް ބޮޑު އިމްތިޙާނަކަށް ވާނެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަ...

02 Oct 2018 | 03:21

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް، އެ ޓީމުގެ ދެ ވަނަ މެޗާ ކުރިމަތިލާއިރު، މިއީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއަށް ބޮޑު އިމްތިޙާނަކަށް ވާނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު 7 މެޗުގެ ތެރެއިން 3 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. ޑާބީ ކައުންޓީ އަތުން ލަދުވެތި ބައްޔަކާއެކު އީއެފްއެލް ކަޕާ ވަކިވާން ޖެހުނުއިރު، އޭގެ ފަހުން ކުޅުނު ޕްރިމިއާ ލީގު މެޗުން ވެސްޓް ހޭމް އަތުން ބަލިވީ 3-1 ގެ ނަތީޖާއިންނެވެ.

ދަށް ނަތީޖާތަކާއެކު މެންޗެސްޓާ ޔުނައިޓެޑް މި ވަގުތު ޕްރިމިއާ ލީގު ތާވަލުގެ 10 ވަނައިގައި އޮވެ، ޗެމްޕިއަންސް ލީގުގައި މިރޭ ސްޕެއިންގެ ވެލެންސިއާ އާ ދެކޮޅަށް ނުކުންނައިރު، މޮރީނިއޯ މަގާމުން ދުރުކޮށްފާނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަނެއްކޮޅުން ޔުނައިޓެޑުން ބޮޑު އަގުގައި ގެނައި ޕައުލް ޕޮގްބާ އާ މޮރީނިއޯ މައްސަލަ ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނާއިރު، ޓީމުގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް، މަގާމު ދިފާއު ކުރުމަށް މިރޭގެ މެޗުން ޔުނައިޓެޑަށް މޮޅެއް ހޯދައިދިނުން މޮރީނިއޯއަށް ވަރަށް މުހިންމެވެ.

މިރޭ ރާއްޖޭ ގަޑިން 00:00 ގައި ޔުނައިޓެޑްގެ އޯލްޑް ޓްރޮފޯޑް ދަނޑުގައި ކުޅޭ މި މެޗާ ކުރިމަތިލާއިރު، ވެލެންސިއާ އިން ވަނީ އެންމެ ފަހުން ލަލީގާގައި ކުޅުނު މެޗުން މޮޅުވެ، ސީޒަންގެ އަލަތު މޮޅު ހޯދާފައެވެ.

މިރޭގެ މެޗުގައި ވެލެންސިއާ އިން ހަލުވި ދެ ކުޅުންތެރިންކަމަށްވާ ގޮންކާލޯ ގުއިޑަސް އާއި ރޮޑްރިގޯ މޮރޭނޯ ބޭނުންކޮށްގެން އަވަސް ކައުންޓަރ އެޓޭކިންގ ގޭމެއް ކުޅޭނެކަމަށް ބެލެވޭއިރު، އެ ޓީމުން މި މެޗާ ކުރިމަތިލާނީ އަނިޔާގައި ތިބި ސަންޓި މީނާ އާއި ފެރާން ޓޮރޭސް ނުލައެވެ.

ޔުނައިޓެޑަށް ކުރިމަތިވެފައިވާ އަނިޔާގެ ހަމައެކަނި މައްސަލައަކީ މާކޮސް ރޯހޯ އެވެ. ހަމައެހެންމެ، ފިޓްކޮށް ހުރެމެ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގެ ސްކޮޑަށް ވެސް ނަގާފައިނުވާ، ފޯމު ކަޓާފައިވާ އެލެކްސިސް ސަންޗޭޒް ވެސް މިރޭގެ މެޗުގައި ފެނުމަކީ ދުރުކަމެކެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ޔުވެންޓަސް އަތުން ވެލެންސިއާ ބަލިވެފައިވާއިރު، ޔުނައިޓެޑުން ވަނީ ޔަންގް ބޯއީސްގެ މައްޗަށް ކުރި ހޯދާފައެވެ. ގްރޫޕް އެޗް ގައި މިރޭ ރާއްޖެ ގަޑިން 21:55 ގައި ޔަންގް ބޯއީސް އާއި ޔުވެންޓަސް ބައްދަލު ކުރާ މެޗު ފެށޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް