މެޓާގެ ސްމާޓް އައިނަކުން ސިއްރު ވީޑިއޯއެއް ކުރި މައްސަލައިގައި ދައުވާ ކުރަނީ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކެފޭއެއްގައި އިންސްޓަގްރާމް ކޮންޓެންޓް ކްރިއޭޓަރަކު މެޓާގެ ރޭ ބޭން ސްމާޓް އައިނު ބޭނުންކޮށް ސިއްރުން ވީޑިއޯ ކުރި ދިއްލީ ފިރިހެނަކު އެ ކްރިއޭޓަރާއި މެޓާ ކުންފުންޏަށް ޤާ...

02 Sep 2026 | 04:37
މެޓާ ސްމާޓް އައިނެއް ބޭނުންކޮށްގެން ސިއްރުން ވީޑިއޯއެއް ނެގި މައްސަލައިގަ ދައުވާ ކުރަން ވަނީ ނިންމާފައި --

މެޓާ ސްމާޓް އައިނެއް ބޭނުންކޮށްގެން ސިއްރުން ވީޑިއޯއެއް ނެގި މައްސަލައިގަ ދައުވާ ކުރަން ވަނީ ނިންމާފައި --

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ކެފޭއެއްގައި އިންސްޓަގްރާމް ކޮންޓެންޓް ކްރިއޭޓަރަކު މެޓާގެ ރޭ ބޭން ސްމާޓް އައިނު ބޭނުންކޮށް ސިއްރުން ވީޑިއޯ ކުރި ދިއްލީ ފިރިހެނަކު އެ ކްރިއޭޓަރާއި މެޓާ ކުންފުންޏަށް ޤާނޫނީ ނޯޓިސް ފޮނުވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ފޮނުވި އެ ނޯޓިހުގައި ބުނާ ގޮތުން ދިއްލީގެ ޚާން މާކެޓުގައި ހުންނަ ކެފޭއެއްގައި އެ މީހާއަށް ނޭނގި ވީޑިއޯ ނެގުމަށް ފަހު ޖުލައި 26 ގައި އިންސްޓަގްރާމްގައި ރީލެއްގެ ގޮތުގައި ޕޯސްޓުކުރި އެ ވީޑިއޯ 10 ދުވަހުގެ ތެރޭގައި 4.19 ލައްކައަށް ވުރެ ގިނަ ފަހަރު ބެލި ކަމަށެވެ.

އެ ވީޑިއޯގެ ކޮމެންޓުތަކުގައި އެ މީހާއަށް މަލާމާތް ރައްދުވެފައިވެއެވެ.

ވީޑިއޯ ރިޕޯޓު ކުރުމަށް އެ މީހާ އިންސްޓަގްރާމަށް ހުށަހެޅި ނަމަވެސް ޕްރައިވެސީ މައްސަލައެއް ރިޕޯޓު ކުރެވޭ ވަކި ކެޓެގަރީއެއް އެ އެޕްލިކޭޝަނުގައި ނެތެވެ. ޖުލައި 28 އަދި 30 ގައި އިންސްޓަގްރާމުން އެ މީހާއާ ގުޅައި އެ ކޮންޓެންޓަކީ ކޮމިޔުނިޓީ ސްޓޭންޑަޑްތަކާ ޚިލާފު އެއްޗެއް ނޫން ކަމަށް ބުނެފައިވެއެވެ. އިންޑިއާގައި ހުންނަ މެޓާގެ ގްރީވަންސް އޮފިސަރަށް ވެސް ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ޤާނޫނީ ނޯޓިހުގައި އެ ވީޑިއޯ ނެގުމަށާއި ކްރިއޭޓަރު ޢާންމު މާފެއް ޝާއިޢުކުރުމަށް އެދިފައިވެއެވެ. އެއާ އެކު ބަދަލެއްގެ ގޮތުގައި 2.05 ކްރޯރު ރުޕީސް ވެސް ހޯދުމަށް ނޯޓިހުގައި ހިމަނާފައިވެއެވެ.

އިންޑިއާގެ ޑިޖިޓަލް ޙައްޤުތަކާ ބެހޭ ޖަމިއްޔާ އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ހިލޭ ޤާނޫނީ އެހީ ފޯރުކޮށްދެމުން ދާ މި މައްސަލައިގައި އެ ޖަމިއްޔާ ފާހަގަކުރާ ގޮތުގައި ޢާންމު އައިނަކާ "ގަސްދުގައި ވަކި ނުކުރެވޭ ގޮތަށް" ޑިޒައިންކޮށް މާކެޓު ކުރި ޑިވައިސްގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ މެޓާ އުފުލަން ޖެހެއެވެ.

ނޯޓިހުގައި ބުނެފައި ވަނީ މެޓާ "ވީޑިއޯ ނެގި ފަރާތުގެ ޕްރައިވެސީއަށް އަރައިގަތުމުގައި ޙިއްޞާވެ އިހުމާލުގެ ޒިންމާ ނަގަން ޖެހޭ" ކަމަށެވެ. އެ ސްމާޓް އައިނުގައި ވީޑިއޯ ރެކޯޑު ކުރާކަން ދައްކައިދޭ ކުޑަ ލައިޓެއް ހުންނަ ނަމަވެސް ނޯޓިހުގައި ސިފަކޮށްފައި ވަނީ އެ ލައިޓަކީ "ފުދޭ ވަރެއްގެ އެއްޗެއް ނޫން ކަމަށާއި ފަސޭހައިން ނުފެނި ދާ ގޮތަށް ހުންނަ" އެއްޗެއް ކަމަށެވެ.

މެޓާއިން ބުނީ އެ ކުންފުނީގެ ސްމާޓް އައިނުގައި ޕްރައިވެސީ ރައްކާތެރިކޮށްދޭ ފީޗާތައް — އެ ލައިޓް ފަދަ — ހިމެނިފައި ހުންނާނެ ކަމަށެވެ. ސްމާޓް އައިނު އުފެއްދި ކުންފުންޏެއްގެ ޒިންމާ ހޯދުމަށް އިންޑިއާގައި ކުރެވޭ ފުރަތަމަ ޤާނޫނީ ފިޔަވަޅުތަކުގެ ތެރޭގައި މި މައްސަލަ ހިމެނުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް