ރޭސް ކާރު އެކްސިޑެންޓް: ދޫކޮށްލި މީހާ އަލުން ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފިއެވެ. މިކަން ހާމަކުރައްވައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އ...

02 Sep 2024 | 02:52

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާން ވިދާޅުވެފައިވަނީ ހައި ކޯޓުން ދޫކޮށްލި މީހާ މިހާރުވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަރަށް ގެނެވިފައި ކަމަށެވެ.

ހައިކޯޓުން އިއްޔެ އިކްރާމް މިނިވަންކުރީ ވަކީލެއްގެ ފުރުސަތު ނުދީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަމަށް ބުނެއެވެ.

އިކްރާމް ދޫކޮށްލަން ނިންމި ނިންމުމާއި ގުޅޭގޮތުން ރޭގައި ވަޒީރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަން ހިނގި ގޮތް ތަހުޤީޤުކޮށް އިހުމާލެއްވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށާއި ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރާނެ ކަމަށެވެ.

ވަޒީރު އެ ވިދާޅުވިފަދައިން އިކްރާމް އަލުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ޖުލައި 31 ވަނަ ދުވަހު އެ އެކްސިޑެންޓް ހިނގާފައިވަނީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ގޮސް، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ ޖެހިގެންނެވެ.

އެކްސިޑެންޓާއި ގުޅިގެން ހަމަ އެ ރޭ، އެ ކާރު ދުއްވި އިކްރާމްގެ އިތުރުން އިކްރާމުއްރަހްމާނާއި ޖިނާހް އިސްމާއިލް ހައްޔަރުކުރިއެވެ.

އެކްސިޑެންޓްވި ކާރަކީ ރޭސް ކާރެކެވެ. އެ ކާރަކީ މާލެ ސަރަހައްދުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ ކާރެއްވެސް ނޫނެވެ.ކާރުގެ ނަމްބަރު ޕްލޭޓުން އެނގޭގޮތުގައި އެ ކާރު ރަޖިސްޓްރީކޮށްފައިވަނީ ބީ ޒޯނުގައެވެ. ބީ ޒޯނަކީ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ދޫކުރާ ރަޖިސްޓްރީތައް ގިންތި ކުރާ ޒޯނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް