ރޭ އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި 'އުފާވެރި އަމާން މާލެ' ޖަލްސާގައި ފިލްމީ ގިނަ ތަރިންތަކެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ފަންނާނަކީ އަރަމުން އަންނަ ތަރި އައިމިނަތު ރަޝްފާ (އާޝާ)އެވެ.
'އުފާވެރި އަމާން ރާއްޖެ' ޖަހާފައިވާ ރީނދޫ ޓީޝާޓެއް ލައިގެން ސްޓޭޖުމަތީގައި ފިލްމީ އެހެން ބައެއް ފަންނާނުންނާއެކު އާޝާ ހުއްޓެވެ. އެމްޑީޕީއަށް ސަޕޯޓުކޮށް ރޭގެ ޖަލްސާގައި ބައިވެރިވި ބައެއް މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، އަހުމަދު ނިމާލް، ނުޒުހަތު ޝުއައިބު، މަރިޔަމް އައްޒަ އަދި އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް ހިމެނެއެވެ.
މި އެންމެންގެ ތެރެއިންވެސް އާޝާ ފާހަގަވީ، މިދިޔަ މަހުގެ ފަހުކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދުމުގެ ދަތުރުގައިވެސް އާޝާ ބައިވެރުވެފައި ވާތީއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުއާއިއެކު އދ އަތޮޅުގެ ބައެއް ރަށްރަށަށް ކުރި ދަތުރުގައި ހިމެނުނު ފިލްމީ ތަރިންގެ ތެރޭގައި އާޝާވެސް ދަތުރު ކުރިއެވެ.
އަލީ ސީޒަން، މުހައްމާގެ އިތުރުން އާމިރާ އިސްމާއީލް ފަދަ ތަރިންނާއެކު ދިޔަ ކެމްޕޭން ދަތުރުގައި އާޝާ ބައިވެރިވި ނަމަވެސް ފޮޓޯ ތަކަކަށް ނާރައެވެ. ނަމަވެސް "ދުވަސް"ގެ ނޫސްވެރިންނަށް ވަނީ އެ ޓީމާއެކު އާޝާ ދަތުރު ކުރަނިކޮށް ފެނިފައެވެ.
ޓީމުގައި ދެން ހިމެނުނު ބައިވެރިން ވަނީ އަމަލީ ގޮތުންވެސް ކެމްޕޭނުގައި ބައިވެރިވެފައެވެ. އާޝާ ހުރީ ޓީމާއެކު ކެމެރާގެ ފުރަގަހުގައެވެ. ނަމަވެސް ޖަގަހަތަކުން ކެއުމާއި، ދަތުރުގެ ބައިވެރިންނާއެކު ރަށްރަށަށް ދިއުމުގައި ވަނީ ބައިވެރި ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް