މާލޭގެ ކުދި ތަންކޮޅުގައި އުޅޭމީހުންނަށް ޖާގަ ތަނަވަސް ބޯހިޔާވަހިކަމަށް ބަދަލު ވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޑީޕީގެ 'އުފާވެރި މާލެ' ސިޔާސަތުގައި ހިމަނައިފިއެވެ.
އެމްޑީޕީގެ ފަރާތުން ރޭ ވަނީ 'އުފާވެރި އަމާން މާލެ' ޖަލްސާ ބާއްވާފައެވެ. މި ޖަލްސާގައި ވަނީ މާލޭ މީހުންނަށް ހާއްސަކޮށްގެން ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ހިއްސާ ކޮށްފައެވެ.
އެގޮތުން، 'މާލީ ބުރަޔަކަށް ނުވާ ގެދޮރުވެރިކަން' ސިޔާސަތުގެ ދަށުން، ގްރޭޓާ މާލެ ސަރަހައްދުގެ ފުއްދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަން ދީގެން ކައުންސިލް ހައުސިންގް ތައާރަފު ކުރުމަށް ހިމަނާފައި ވެއެވެ.
އަދި ބޮޑެތި އެޑްވާންސްތަކާއި ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަ ކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭޝަލް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/ އަމިއްލަ ކުރެވޭނެ މަގު ފަހި ކޮށްދިނުން ވަނީ ހިމަނާފައެވެ.
އޭގެ އިތުރުން، ގޭގައި ދިރިއުޅުމަށް ބޭނުންވާ ފަރުނީޗަރު އަދި ހޯމް އެޕްލަޔަންސަސް ހޯދުމަށް ކްރެޑިޓް ސްކީމެއް ތައާރަފު ކުރުމާއި ގޭގެ ބެހެނިވެރިން ދިރިއުޅުމަށް އެކަށޭނަ ޖާގައެއް ހިމެނޭ މިންވަރަށް ގެދޮރު އިމާރާތް ކޮށްދީ، ދިގު މުއްދަތަކުން ފައިސާ އަނބުރާ ދެއްކޭނެ އުސޫލެއް ހެދުމަށްވެސް ވަނީ ހިމަނާފައެވެ.
މި ސިޔާސަތުގައި ދެން ހިމެނޭ ކަންތައްތަކަކީ:-
- މާލެ ސަރަހައްދުން ލިބުނު ބިމުގައި އިމާރާތް ކުރުމަށް 6 އިންސައްތަ އިންޓްރަސްޓް އަދި 10 އިންސައްތަ އިކުއިޓީ އަށްވުރެ ބޮޑު ނުވާނެހެން ލޯނު ދިނުން
- ރިއަލް އިސްޓޭޓް މާކެޓް ރެގިއުލޭޓް ކޮށް، ކަނޑައެޅޭ މިންގަނޑަށް ގެދޮރު އިމާރާތް ކުރާ ފަރާތްތަކަށް ސަރުކާރުން ސެޓިފައިކޮށް، ބޯހިޔާވަހިކަން ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުން
- ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމެއްގެ ބަދަލުގައި އެހެން ބޯހިޔާވަހިކަމަކަށް ބަދަލުވާން އެދޭ ފަރާތްތަކަށް، އެތަނެއްގެ އޯނަރޝިޕް ބަދަލުކޮށް، ދައްކަން އޮންނަ މިންވަރެއް ޓްރާންސްފަރ ވާ އުސޫލުން، ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަން ދޫކޮށްލެވޭނެ ނިޒާމެއް ތައާރަފު ކުރުން ހިމެނެއެވެ.
މީގެ އިތުރުންވެސް ރޭގެ ޖަލްސާގައި ވަނީ މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން އިތުރު ގިނަ ސިޔާސަތުތަކެއް އާއްމު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް