މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުނ ވާދަކުރައްވާ އެއް ކެނޑިޑޭޓް، އަހުމަދު ފާރިސް މައުމޫންގެ ރަނިންމޭޓް ޑރ. ޢަބްދުއްސައްތާރު ޔޫސުފްއަކީ ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެކެވެ. އެމަނިކުފާނުވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.
ޑރ. ޢަބްދުއްސައްތާރު ކިޔަވާވިދާޅުވީ ޕަބްލިކް ހެލްތު އިން އެންވަޔަރަމަންޓަލް ސައެންސް ގެ ދާއިރާއިން ލުބްނާނުގެ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތްގައެވެ. ފުރަތަމަ ޑިގްރީ ނިންމެވީ، 1975 ވަނަ އަހަރުއެވެ.
ދިވެހިރާއްޖޭގައި ޕަބްލިކް ހެލްތުގެ ނިޒާމު ގާއިމުކުރުމުގައި ޑރ. ޢަބްދުއްސައްތާރު ވަރަށް މުހިއްމު ދައުރެއް އަދާ ކުރެއްވިއެވެ. ރަށު ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމު ފަރުމާކޮށް ރާއްޖޭގައި ހިދުމަތް ދޭންފެށުނެވެ.
ޑރ. ޢަބްދުއްސައްތާރު މާސްޓަރސް އޮފް ޕަބްލިކް ހެލްތް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ނޯރތް ކެރަލައިނާ އިންނެވެ. އަދި 1990 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން ޑޮކްޓަރ އޮފް ޕަބްލިކް ހެލްތް ޑިގްރީ ހާސިލު ކުރައްވާފައިވެއެވެ.
ކިޔަވާވިދާޅުވެ، ސްޕެޝަލައިޒް ވެވަޑައިގެންފައިވަނީ ހެލްތް ޕޮލިސީ އާއި މެނޭޖްމަންޓްގެ ދާއިރާއިންނެވެ.
1995ން ފެށިގެން ވާރލްޑް ހެލްތް އޯގަނައިޒޭޝަން ((WHO ގައި ޚިދުމަތްކުރެއްވުމަށްފަހު 2012ގައި ރިޓަޔަރ ކުރައްވައި އެނބުރި ރާއްޖެ ވަޑައިގެން އެންޑެވަރ (އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެންވަޔަރަމަންޓް، ޑިވެލޮޕްމަންޓް އެންޑް އޮޕަރޭޝަނަލް ރިސާރޗް)ގެ ނަމުގައި އަމިއްލަ ޖަމްއިއްޔާއެއް އުފެއްދެވިއެވެ.
މި ޖަމްޢިއްޔާގެ މުއައްސިސް އަދި ޗެއަރމަން އަކީ ޑރ. ޢަބްދުއްސައްތާރެވެ.
ޞިއްޙީ ދާއިރާއަށް ކޮށްދެއްވާފައިވާ ފަންނީ މަސައްކަތްތައް
ޑރ. ޢަބްދުއްސައްތާރު ސިއްހީ ދާއިރާއަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1975 ވަނަ އަހަރު ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތުގައެވެ. އެއަށްފަހު 1978 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމު އަދާކުރައްވާފައިވެއެވެ
1979 ވަނަ އަހަރު، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރާގެ ސިއްހީ ދާއިރާ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވައި މިމަސައްކަތްތައް ކުރެއްވުމަށް ޑރ. ޢަބްދުއްސައްތާރުއާ ހަވާލުކުރެއްވިއެވެ.
މިގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ފަންނީ މަސައްކަތްތައް ކުރުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު އުފައްދަވައި ތަފާތު ހިދުމަތްތައް އެއްތަނެއްގެ ދަށަށް ގެނެވުނެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ ތަޢާރަފުކޮށް ރައްޔިތުންގެ ބައިވެރިވުމާއެކު ސިއްހީ ހިދުމަތް ދޭން ފެއްޓުނެވެ.
1980ވަނަ އަހަރު ޑރ. ޢަބްދުއްސައްތާރު ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރެވުނެވެ. އަދި 1990ވަނަ އަހަރު ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަގާމަށް ބަދަލުކުރެވުނެވެ.
މީގެއިތުރަށް 1992 ވަނަ އަހަރު މިނިސްޓަރ އޮފް ހެލްތުގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަނު ކުރައްވާފައިވެއެވެ. އަދި 1993ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަމަންޓްގެ މަގާމުގައި ހިދުމަތް ކުރައްވާފައިވެއެވެ.
ޑރ. ޢަބްދުއްސައްތާރު 1995ވަނަ އަހަރުން ފެށިގެން 18 އަހަރު މަސައްކަތް ކުރައްވާފައިވަނީ ބައިނަލްއަގުވާމީ ސިވިލް ސަރވަންޓެއްގެ ގޮތުގައި ވާރލްޑް ހެލްތް އޮރގަނައިޒޭޝަންގެ((WHO ސައުތް އީސްޓް އޭޝިޔާ ރީޖަނަލް އޮފީހުގެއެވެ. އެތާނގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ ކޮންސަލްޓަންޓް އެއްގެ ގޮތުގައެވެ.
އެއަށްފަހު އެންވަޔަރަމަންޓްގެ ޗީފް އޮފް އެންވަޔަރަމަންޓް ޑިވިޝަންގެ މަގާމާއި ޑިރެކްޓަރ އޮފް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ހެލްތީ އެންވަޔަރަމަންޓްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން އެސިސްޓެންޓް ރީޖަނަލް ޑައިރެކްޓަރގެ މަގާމުގައި ހުންނަވައިގެން ސިއްހަތާއި ތިމާވެށްޓާއި ތަރައްގީއާ ގުޅުވައިގެން ޕްރޮގްރާމްތައް ހިންގަވާފައިވެއެވެ.
"ހެލްދީ ކޮމިއުނިޓީ ސެޓިނގްސް" ޕްރޮގްރާމްގެ ދަށުން ސައުތް އޭސިއާ ސަރަހައްދުގެ 11 ގައުމެއްގައި މި ޕައިލެޓް ޕްރޮގްރާމް ހިންގުނެވެ.
އެގޮތުން ގއ. ވިލިނގިލީ ގައި 2002 ވަނަ އަހަރު ހިންގުނު "ހެލްދީ ވިލިނގިލި އައިލެންޑް" ޕްރޮގްރާމް ގެ ތެރެއިން ދިވެހިރާއްޖޭގެ ފުރަތަމަ ސިއްހަތާއި ތިމާވެއްޓާ ގުޅޭ ޕްރޮގްރާމެއް 1997ވަނަ އަހަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނީ ވެސް ޑރ. ޢަބްދުއްސައްތާރުގެ "ހެލްދީ ކޮމިޔުނިކޭޝަން ސެޓިންގްސް"ގެ ތެރެއިންނެވެ.
ހުސް ވަގުތުތަކުގައި ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަންތައްތައް
ޒުވާން އުމުރުއްސުރެން ޑރ. ޢަބްދުއްސައްތާރު ތަފާތު ކުޅިވަރުތައް ކުޅުއްވިއެވެ. އެންމެ ޝައުގުވެރިކަމާ އެކު ކުޅުއްވީ ކްރިކެޓެވެ. އަދި އެތުލެޓިކްސް ގެ ރޮނގުން އުސް ފުންމުމުގައާއި ޖެވްލިން އުކުމުގައި ފާހަގަކޮށްލެވުނެވެ. މީގެ އިތުރުން ރަގްބީ ގައި ފުލް ބެކަށް ކުޅުއްވިއެވެ. އަދި ފުޓްބޯޅައިގައި ގޯލު ކީޕަރަކަށް ކުޅުއްވިއެވެ.
ޑރ. ޢަބްދުއްސައްތާރަކީ ކުރެހުމާއި، ސްކެޗްކުރުމާއި، ޕޯޓްރެއިޓް ކުރެހުމާއި ޕޭސްޓަލް ކުލަ ބޭނުންކުރައްވައިގެ ތަފާތު ކުރެހުންތައް ކުރައްސަވެއެވެ. ކެއްކުމަކީ ވެސް ވަރަށް ކުރައްވާހިތްޕުޅުވާކަމެކެވެ. މީގެ އިތުރުން، ޑރ. ޢަބްދުއްސައްތާރު އަކީ ލިޔުންތެރި ހިންގުންތެރި އަދި ފަންނީ ބޭފުޅެކެވެ.
ރުއްކުރި ބްލޮގަކީ އޭނާގެ ޚިޔާލުތަކާއި، ވިސްނުންތައް އަދި ހޯދުންތައް ޝާއިޢު ކުރައްވާ އޭނާގެ އަމިއްލަ ބްލޮގްއެވެ. އަދި ފޮތްތަކެއްވެސް ވަނީ ޝާއިޢު ކުރައްވާފައެވެ. ރާއްޖެގައި އުފެދުނު ފުރަތަމަ ޕޮޕް ބޭންޑު ކަމަށްވާ "ކުއިކްސޭންޑް" ގެ ލަވަކިޔުންތެރިއެކެވެ.
ނުރަސްމީ އެހެނިހެން ހިދުމަތްތައް
އޮކްޓޯބަރ 2014 އިން ނޮވެމްބަރ 2015 އަށް އައިޖީއެމްއެޗްގެ ގަވަރނިންގް ބޯރޑުގެ ޗެއަރމަންކަމާއި ގައުމީ ނޭޝަނަލް ހަޔަރ އެޑިއުކޭޝަން ކައުންސިލްގެ މެމްބަރުކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން 2014 އިން 2015 ޔޫއެންޑީޕީގެ އެހީތެރިކަމުގައިހިންގުނު "ޕެނަލް ފޮރ ނޭޝަނަލް ހާމަނީ" ގެ ރިޔާސަތު ބެލެހެއްޓެވިއެވެ.
2015 ސެޕްޓެމްބަރ މަހުން ފެށިގެން "އަސުރު މަޝްވަރާ" ދަޢުވާ ޕްރޮގްރާމް ކޮންމެ ހުކުރު ދުވަހެއްގެ އަސުރު ނަމާދަށްފަހު މާލެގެ މަސްޖިދު މުޙައްމަދު ޖަމީލު މިސްކިތުގައި ފެއްޓެވިއެވެ. މި ޕްރޮގްރާމްގައި އިޖުތިމާއީ އަދި ދީނީ މައުޟޫޢަށް ހޭލުންތެރިކުރުވުމުގައި އައްޝައިޚް އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި އިތުރު ދީނީ ޢިލްމުވެރިންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް