ސަންގު ޓީވީއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް މިރޭ 9:00 ގައި އޮންނާނެއެވެ.
މީގެ ކުރިން ސަންގުން ކަނޑައަޅާފައި ވަނީ މި ބަހުސްގައި ބައިވެރި ވެވޭނީ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް އެކަނި ކަމަށެވެ. ނަމަވެސް ހުރިހާ ކެނޑިޑޭޓުންނަށް ހުޅުވާލައިގެން ޕީއެސްއެމްއިން އިންތިޒާމު ކުރި ބަހުސް ކެންސަލް ކޮށް، ސަންގާ އެކުވެގެން ކުރިއަށް ދާން ނިންމުމުން، މިނިވަން ކެނޑިޑޭޓުންނަށް ބަހުސްގައި ބައިވެރި ވުމުގެ ފުރުސަތު ގެއްލުނެވެ.
އެކަމާ ގުޅިގެން އެ ކެނޑިޑޭޓުންނާއި އާއްމުންވެސް އެކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމާއެކު އަމިއްލަ ކެނޑިޑޭޓުންނަށް ބަހުސް އިން ފުރުސަތު ދިނުމާއިމެދު ސަންގުން ފޭސްބުކްގައި ޕޯލެއް ނަގާފައިވެއެވެ. އެ ޕޯލަށް ހާހަކަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު 91 އިންސައްތަ މީހުން ވޯޓު ދީފައިވަނީ އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށްވެސް ބަހުސްގައި ފުރުސަތު ދޭން ފެންނަ ކަމަށެވެ.
އެހެންކަމުން ސަންގުން ނިންމާފައި ވަނީ، މި ބަހުސްގައި ހުރިހާ ކެނޑިޑޭޓުންވެސް ބައިވެރި ކުރުމަށެވެ.
“ސަންގު ބަހުސް” އޮންނާނީ މިރޭ 9:00ން 11:00 އަށެވެ. ސަންގުން ބުނީ މި ބަހުސް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7779306 ނަންބަރު ފޯނާ ގުޅުމަށް ސަންގުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް