މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ - ދަތުރުތައް ފަށާނީ ހޯމަ ދުވަހު

މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުމަށް ކުންފުނީގެ މުވައްޒަފުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނީ އަންނަ ހޯމަ ދުވަހު އެ ޚިދުމަތް ފަށަން އެ ކުންފުނީގެ މުވ...

02 Sep 2022 | 16:03

މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުމަށް ކުންފުނީގެ މުވައްޒަފުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އަންނަ ހޯމަ ދުވަހު އެ ޚިދުމަތް ފަށަން އެ ކުންފުނީގެ މުވައްޒަފުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަގުތަކާއި ބަސް ދަތުރުކުރާނެ ރޫޓްތައް މިހާރު ފައިނަލްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނަގަން ނިންމާފައިވާއިރު، ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި މުސްކުޅިންނަށް ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މިނީ ބަހުގެ ޚިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ޚާއްސަ ޖާގަތައް މިނީ ބަހުގައި ހުންނާނެ ކަމަށް ވެސް ބުންނެވެ.

މިނީ ބަސްތައް ދެ ރޫޓަކުން ދަތުރުކުރުމަށް ނިންމާފައިވާއިރު، އެއީ ހެންވޭރު ސްޓޭޑިއަމުން ފެށިގެން ބީޗް ވޮލީ ކޯޓަށާއި މާފަންނު ވެސްޓްޕާކުން އޯކިޑްމަގުގައި ހުންނަ ސަންފްރަންޓް ލައިޓް ޝޮޕަށެވެ.

މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރުކުރާނެއެވެ.

އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އާކޮށް، ޓްރެފިކް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.

މާލޭގެ އިތުރުން، ލ. ގަން، ފުނަދޫ، އިސްދޫ ކަލައިދޫ އަދި އައްޑުއާއި ފުވައްމުލައް ސިޓީ ގައިވެސް މިނީ ބަހުގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް