މުސްލިމުން ވާންވާނީ އަބަދުވެސް ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް: ޚުތުބާ

މުސްލިމުން ވާންވާނީ އަބަދުވެސް ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. "ސުލްހަވެރި މުޖުތަމައެއް ބިނާކުރުން" މި މައުޟޫއަށް ދިން ޚުތުބާގައި ބުނީ ޒާތީ މަ...

02 Sep 2022 | 11:50

މުސްލިމުން ވާންވާނީ އަބަދުވެސް ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

"ސުލްހަވެރި މުޖުތަމައެއް ބިނާކުރުން" މި މައުޟޫއަށް ދިން ޚުތުބާގައި ބުނީ ޒާތީ މަސްލަހަތު ކުރިއަށް ނެރެ, ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކު ކަމުގައި މުސްލިމުން ވެގެން ނުވާނެ ކަމަށެވެ.

ނަމަވެސް ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި ޝަރަފު ނަގައިލުމާއި ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަން ކަމަށާއި މުޖުތަމައެއްގައި ފަސާދަ އާންމުވެއްޖެ ނަމަ, މާތް الله އެބަޔަކަށް އުގޫބާތް ދެއްވާ ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އިތުރަށް ބުނީ މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އަންގަވާފައިވަނީ ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ.

އެހެންކަމުން ކޮންމެ ކަމެއްގެ ހައްލަކީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރުމާއި ހުތުރު ބަހުން މުޚާތަބު ކުރުމާއި ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ހުތުރުކަން ބޮޑު ވާހަކަތައް ފެތުރުމާއި އަނެކުންގެ ކުށް ހޯދުން ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެކަން އެގޮތަށް ހިނގާނަމަ, އެއީ މުސްލިމުންގެ މެދުގައި މައްސަލަތައް އުފެދޭ ހިނދު އެކަންކަން ހައްލުކުރަން މާތް الله އަންގަވާފައިވާ ރިވެތި ގޮތް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް