އިހަވަންދޫގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ހއ. އިހަވަންދޫގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ މި ހާދިސާ ހިނގީ އެ ރަށު ނަލައައްސޭރި ގޭގައެވެ. މިއަދު ހެނދުނު 11:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން ...

02 Sep 2022 | 10:52

ހއ. އިހަވަންދޫގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ މި ހާދިސާ ހިނގީ އެ ރަށު ނަލައައްސޭރި ގޭގައެވެ. މިއަދު ހެނދުނު 11:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލުކޮށް ނިއްވައިލެވުނީ މެންދުރު 1:15ވެ ބޮޑުވި ފަހުންނެވެ.

އެ ރަށަށް ނިސްބަތްވާ ކޮމިއުނިޓީ ނޫހެއްކަމަށްވާ އިހަވަންދޫ ޑޮޓް ކޮމްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެގޭގެ ކުއްޖަކު އަލިފާނާ ކުޅުމުގެ ތެރޭގައި އަލިފާންރޯވީ ގިނަ އަދަދެއްގެ ލަކުޑި ރައްކާކޮށްފައި ހުރި ބައެއްގައެވެ. އަލިފާން ކޮންޓްރޯލުވީ ރަށުގެ ރައްޔިތުން ނިކުމެ ގުޅިގެން ކުރި މަސައްކަތުން މޫދަށް ހޮޅި ގުޅައިގެން ޕަމްޕު މެދުވެރިކޮށް ކުރި މަސައްކަތުންކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާގައި އެ ގޭގެ ދެ ކޮޓަރިއެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް އެކަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ އެ މުއައްސަސާއިން މި ހާދިސާއަށް އެޓެންޑްވެފައި ނުވާކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ މި ހާދިސާއާއި ގުޅިގެން އެ ގޭގައި އެވަގުތު ދިރިއުޅުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ރަށުގެ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް