އެހެން ސިޔާސީ ޕާޓީތަކެކޭވެސް އެއްފަދައިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ވެސް މަގްސަދަކީ ވެރިކަމަށް އައުން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ވީޓީވީން ގެނެސްދޭ ބޮޑުފެންޑާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ބަޔަކުވެސް ސިޔާސީ ޕާޓީއެއް އުފައްދާނީ ސިޔާސީ ބޭނުންތަކެއް ފުއްދަން ކަމަށާއި އެންމެ ބޮޑު ބޭނުމަކަށް ވާނީ ވެރިކަމަށް އައުން ކަމަށެވެ. ވެރިކަމުގައި ނެތް ނަމަ އެ ޕާޓީއަކުން ބޭނުންވާ އިސްލާހުތަކެއް ނުގެނެވޭނެ ކަމަށެވެ. ކުރަން ބޭނުންވާ ކަންތައްތަކެއް ނުކުރެވޭނެ ކަމަށެވެ.
"އެހެންވީމާ ކޮންމެ ސިޔާސީ ޕާޓީއެއްގެވެސް މަގްސަދަކަށް ވާނީ ވެރިކަމަށް އައުން، އެހެން އެމްއާރުއެމްވެސް" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމް އަށްވެސް ވެރިކަން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށާއި މަސައްކަތް ކުރަމުން އަންނަނީވެސް އެ އަޒުމުގައި ކަމަށެވެ.
"އެއީ ތަބީއީ ކަމެއް، އުންމީދަކީ އެމްއާރުއެމް ވެރިކަމަށް އައުން" ރައީސް މައުމޫން ވިދާޅުވިއެވެ.
ނެރޭނެ ވަކި ކެނޑިޑޭޓަކު ނިންމާފައިވާނެތޯ ބޮޑުފެންޑާގެ ހޯސްޓް ސުވާލު ކުރެއްވުމުން ރައީސް މައުމޫން ވިދާޅުވީ އެމްއާރުއެމް އަކީ ވަރަށް ޑިމޮކްރެޓިކްކޮށް ހިނގަމުން އަންނަ ޕާޓީއެއް ކަމަށާއި ކޮންމެ ކަމަކާއިމެދުވެސް ގޮތެއް ނިންމިގެންދާނީ ވަރަށް ފުޅާ ދާއިރާއެއްގައި ޕާޓީގެ ތެރޭގައި މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށެވެ. އަދި ވަކި ގޮތަކަށް ނިންމާފައި ނެތް ކަމުގައިވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ދެން އެމަނިކުފާނު ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށާއި ދެން އެންމެ އައުލާކަން ބޮޑީ އެހެން ބޭފުޅުންނަށް ފުރުސަތު ދިނުންކަމުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް