ކެނދިކުޅުދޫގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސް ސޯލިހު އާ ހިއްސާ ކޮށްފި

ކެނދިކުޅުދޫގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާ ޙިއްޞާކުރައްވައިފި އެވެ. މިކަންކަން ހިއްސާކޮށްފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ ކެނދ...

02 Sep 2021 | 13:41

ކެނދިކުޅުދޫގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާ ޙިއްޞާކުރައްވައިފި އެވެ.

މިކަންކަން ހިއްސާކޮށްފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި މި ސަރުކާރުން ކެނދިކުޅުދޫގެ ތަރައްޤީއަށް ޚާއްޞަ ސަމާލުކަމެއްދެއްވާކަން ފާހަގަކުރައްވާ، ކައުންސިލަރުން ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ކެނދިކުޅުދޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފަ އެވެ.

ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް އަދި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢު ލަސްވަމުންދާތީ އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވައި ކުރިއަށްގެންގޮސްދެއްވުމަށް ދެންނެވި އެވެ. އަދި ހުޅަނގު މޫސުމުގައި ބަނދަރުގެ އެއްބައި ބޭނުންކުރަންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ކެނދިކުޅުދޫއަކީ ގިނަ ކުޅިތަކެއް އެކުލެވިގެންވާ ރަށަކަށްވާތީ މިހާރު ރަށުގެ ބައެއް ކުޅިތައް ހިކުމުގެ ބިރުވެރިކަން އޮތްކަމުގައި ފާހަގަކުރައްވައި އެކަމަށް ޙައްލެއް ހޯދަންޖެހިފައި އޮތް ކަމަށް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައިވަނީ ދަންނަވާފަ އެވެ. އަދި ނަރުދަމާގެ މަޝްރޫޢު މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލުންވަނީ ދަންނަވާފަ އެވެ.

މީގެ އިތުރުން ރަށުގައި ސީ އެމްބިއުލާންސެއް ނެތުމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް އެމަނިކުފާނުގެ އަރިހުގައި ކައުންސިލަރުން ޙިއްޞާކުރެއްވެވިއެވެ. އަދި ކައުންސިލުގެ ފަރާތުންވަނީ ރަށުގައި ބޭންކުގެ ޚިދުމަތް ފުޅާކޮށްދިނުމަށާއި، ބޯހިޔާވަހިކަން އިތުރަށް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

މިގޮތުން އިތުރު ހައުސިންގ ޔުނިޓް އަދި ގެވަޅުތަކުގައި ގެ އެޅުމަށް މަގުފަހިވާނެގޮތެއް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.

ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވަވަމުން ކައުންސިލުންވަނީ ރަށުގެ ސްކޫލަށް އެކަށީގެންވާ ޖާގައިގެ ބަހެއް ނެތުމުގެ ސަބަބުން ސްކޫލަށް ދިމާވާ ދަތިތަކާއި، ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙިއްޞާކުރައްވާފަ އެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ މުހިންމު ވަޞީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނދިކުޅުދޫ ފެންނަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނެ ޤާބިލުކަންހުރި ރަށެއްގެ ގޮތުގައިކަން ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލުން ފާހަގަކުރެއްވެވި ކަންތައްތައް އެކަމާއި ގުޅޭ އިދާރާއަކާއި ވާހަކަފުޅު ދެއްކެވުމަށްފަހު އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ކެނދިކުޅުދޫ ދާއިރާގެ މަޖިލީހުގެ މެންބަރު އަޙްމަދު އީސާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީ، އަޙްމަދު ޙަމްދާން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސަރުކާރުން ކެނދިކުޅުދޫގައި ހިންގަން އަދި ޕްލޭން ކުރެވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމާއި، ސްލިޕްވޭ ހެދުމާއި، ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުން ހިމެނެ އެވެ. އަދި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތާއި، ސްކޫލް 4 ކްލާސްރޫމާއި އޮފީސް އިމާރާތްކުރުމުގެ މަޝްރޫޢު ވެސް ހިމެނެ އެވެ.

ޖޫނިއަރ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތާއި، ގޭދޮށު މަސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތާއި، ފެނަކަ އޮފީސް އިމާރާތާއި ވަށާފާރު ރޭނުމުގެ މަޝްރޫޢު އަދި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ވެސް ހިމެނެ އެވެ.

މިހާތަނަށް މި ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ސޯލާރ ހައިބްރިޑް ސިސްޓަމް ޤާއިމްކުރުމާއި، ނ. ކެނދިކުޅުދޫ ސްކޫލް 2 ކްލާސްރޫމާއި ހޯލްގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް