އިމަރޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށް އަމިއްލަ ފަރާތަކާއެކު އާސަންދައިން ސޮއި ކޮށްފި

ސީއެމްބިއުލާންސް ނެތް ހާލަތުގައި އިމަރޖެންސީކޮށް ބަލިމީހުން އުފުލުމަށް އާސަންދައިން އަމިއްލަ ފަރާތަކާ ހަވާލުކޮށްފި އެވެ. އާސަންދަ ކުންފުނިން ބުނީ އެމަރޖެންސީ ޙާލަތުގައި، ވީ އެންމެ އަވަހަކަށް، ބަލިމީހު...

02 Sep 2021 | 13:11

ސީއެމްބިއުލާންސް ނެތް ހާލަތުގައި އިމަރޖެންސީކޮށް ބަލިމީހުން އުފުލުމަށް އާސަންދައިން އަމިއްލަ ފަރާތަކާ ހަވާލުކޮށްފި އެވެ.

އާސަންދަ ކުންފުނިން ބުނީ އެމަރޖެންސީ ޙާލަތުގައި، ވީ އެންމެ އަވަހަކަށް، ބަލިމީހުން އެއްރަށުން އަނެއް ރަށަށް ގެންގޮސްދިނުމަކީ، ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން، އެ ކުންފުނިން ވަރަށްބޮޑު އިސްކަމެއްދީގެން، ފޯރުކޮށްދެމުންދާ ޚިދުމަތެއް ކަމަށެވެ.

އެގޮތުން، ކަނޑުމަގުން ބަލިމީހުން އުފުލުމުގައި އަމަލުކުރާގޮތަކީ އެންމެ ފުރަތަމަ ސީއެމްބިއުލާންސްގެ ޚިދުމަތް ލިބޭތޯ ބަލާ، އެއުޅަނދުގެ ޚިދުމަތް ނުލިބޭ ފަހަރުތަކުގައި، އަމިއްލަ ފަރާތްތަކުގެ ސްޕީޑްލޯންޗެއްގެ ޚިދުމަތް ހޯދުން ކަމަށް އެ ކުންފުނިން ބުންނެވެ.

އެގޮތަށް ސްޕީޑްލޯންޗް ހޯދުމުގައި ބައެއްފަހަރު ވަގުތުތަކެއް ގެއްލިގެން ދާއިރު، ގެއްލޭކޮންމެ ހިނދުކޮޅަކީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް އެޅިދާނެ ހުރަހަކަށްވުމުގެ ފުރުސަތުއޮންނަ ކަމަށެވެ. އަދި ފާއިތުވެދިޔަތަނުގެ ތަޖުރިބާއަށާއި ޚިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ފީޑްބެކަށް ބަލައިގެން މިޚިދުމަތް އިތުރަށް އަވަސްކޮށް ފުރިހަމަކޮށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ރޭވުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަނ ކަމަށެވެ.

އެގޮތުން، ކަނޑުމަގުން ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްގެ ޚިދުމަތް ލިބެން ނެތް ޙާލަތްތަކުގައި، ކުރިން ކަނޑައެޅިނިމިފައިވާ ވަގުތެއްގެ ތެރޭގައި، އެހެން އުޅަނދެއްގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް އެކުންފުނިން ވާނީ ނިންމާފައި ކަމަށް ވެސް އާސަންދައިން ބުނެ އެވެ.

އާސަންދައިން ބުނީ އަޖުމަބެލުމުގެ ގޮތުން ރާއްޖޭގެ ކޮންމެވެސް އެއް އަތޮޅެއްގައި އެކަން ތަންފީޒުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެމަރޖެންސީ ހާލަތުގައި ކަނޑުމަގުން ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްގެ ޚިދުމަތް ނުލިބޭ ފަހަރުތަކުގައި، އދ. އަތޮޅުގެ އެއްރަށުން އަނެއް ރަށަށާއި މާލެއަށް، ބަލިމީހުން ގެންގޮސްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ސްޕީޑް ލޯންޗުދަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

އާސަންދަ ކުންފުނިން ބުނީ އެފަދަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށާއި މިއީ އެއް އަހަރުދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ. އަދި އެޗް.އެމް.އެޗް.އައި ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އިބްރާހީމެވެ.

މިއެއްބަސްވުމުގެ ދަށުން، އެފަދަ ހާލަތެއް މެދުވެރިވާ ހިނދެއްގައި އެކުންފުނިން ކަނޑައަޅާ ކެޕޭސިޓީއެއްގެ ސްޕީޑް ލޯންޗެއްގެ ޚިދުމަތް ބަލިމީހާއަށް ލިބިގެންދާނެ އެވެ. އަދި، އެކުންފުނިން ޚިދުމަތަށް އެދޭތާ ވަކިވަގުތެއްގެ ތެރޭގައި ދަތުރު ފެށިގެންދާނެ އެވެ.

އދ. އަތޮޅުގައި ފަށައިގަނެވުނު މިޕްރޮޖެކްޓަކީ އަޖުމަބެލުމުގެ ގޮތުން ފެއްޓުނު ޕްރޮޖެކްޓަކަށްވާތީ، މިކަމުގެ ސަބަބުން ޚިދުމަތަށް އަންނަ ބަދަލުތައް އެކުންފުނިން ދިރާސާ ކުރަމުންދާނެ ކަމަށް ބުންޏެވެ. އަދި މިކަމުގެ ސަބަބުން ޚިދުމަތް އަވަސްވެ ޚިދުމަތުގެ ފެންވަރު ރަގަޅުވާކަމަށް ފާހަގަކުރެވިއްޖެނަމަ، މިޕްރޮޖެކްޓް އެހެން އަތޮޅުތަކަށް ފުޅާކުރުމަށް ކުންފުނިން ވިސްނާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް