އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނު ރާއްޖެއަށް ދީފި، މިއީ ކުޅިވަރު ތަރައްގީ ކުރުމަށް ދިން ލޯނެއް

އިންޑިއާ އާއި ރާއްޖެއާ ދެމެދު 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ލޯނު އެހީގެ އެއްބަސް ވުމު...

02 Sep 2021 | 08:53

އިންޑިއާ އާއި ރާއްޖެއާ ދެމެދު 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން ލޯނު އެހީގެ އެއްބަސް ވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މިލޯނު އެހީ ރާއްޖެއަށް ފޯރުކޮށްދޭ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ، ނުވަތަ އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ދިން މި ލޯނުން ސްޕޯޓްސް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މާލެ އާއި އަތޮޅުތަކުގައި މިހާރު ހުރި ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އިތުރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މި ލޯނު އެހީގައި ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވަ އެވެ.

އެ މިނިސްޓްރީން ބުނީ އޭގެ ތެރޭގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމާއި، ގައުމީ ވޮލީ އަދި ބާސްކެޓް ބޯޅަ ކޯޓުތައް ތަރައްގީ ކުރުމާއި، ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްގީ ކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.

މި އެހީ ދިނުމަށް ނިންމީ، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު، މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

އިންޑިއާ އިން މީގެކުރުން ވެސް ވަނީ އެގައުމުގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ދީފަ އެވެ. އަދި މާލޭ އެކުވެނި ދުވާ ޓްރެކުވެސް ތަރައްގީ ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް