ކޮރޯނާ ވައިރަސް އާލާވުން ހުއްޓުވުމަށް ހަރުފަ ވިހައިގައި ހިމެނޭ މާއްދާއެއްގެ ބޭނުން ހިފިދާނެ!

ހަރުފައިގެ ވައްތަރެއްގެ ވިހައިގައި ހިމެނޭ މާއްދާއަކުން ކޮރޯނާ ވައިރަސް އާލާވުން އެތައް ގުނައެއް މަދު ކުރެވިގެން ދާ ކަމަށް ބްރެޒިލްގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގެ ނަތީޖާ...

02 Sep 2021 | 08:33

ހަރުފައިގެ ވައްތަރެއްގެ ވިހައިގައި ހިމެނޭ މާއްދާއަކުން ކޮރޯނާ ވައިރަސް އާލާވުން އެތައް ގުނައެއް މަދު ކުރެވިގެން ދާ ކަމަށް ބްރެޒިލްގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގެ ނަތީޖާއާއި އެކު، ކޮރޯނާ ވައިރަސްއިން އަރައިގަތުމަށް ބޭހެއް އީޖާދު ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ދިރާސާ ކުރެއްވި ރިސާޗަރުން ދެކެލައްވައެވެ.

މި ދިރާސާގެ ތެރެއިން،ބްރިޒިލުން ފެންނަ ޖަރާރަކުސޫ ޕިޓް ވައިޕަރ ނަމަކަށް ކިޔާ ހަރުފައިގެ ވިހައިގައި ހިމެނޭ މޮލިކޮއުލެއް ބޭނުން ކުރުމުން، ރާމާމަކުނުގެ ސެލްތަކަކުން ކޮރޯނާ ވައިރަސް ފެތުރުނަ ނުދީ ހިފަހައްޓައިދޭ ކަން ވަނީ ދެނެގަނެވިފައެވެ. އެގޮތުން، މި މޮލިކިއުލްގެ ސަބަބުން ސެލްތަކުގައި ކޮރޯނާ ވައިރަސް އިތުރުވެގެން ދާ ދިއުން ވަނީ 75 ގުނައަށް މަދުވެފައެވެ.

ޔުނިވަރސިޓީ އޮފް ސައޮ ޕޯލޯގެ ޕްރޮފެސަރު އަދި މި ދިރާސާގެ މުސައްނިފު ރަފަޔަލް ގީޑޯ ވިދާޅުވީ މި ވިހައިގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ކޮރޯނާ ވައިރަސްގެ މުހިއްމު ޕްރޮޓީނެއް ނައްތާލާކަން ހާމަ ވެފައިވާ ކަމަށެވެ.

ވައިޕަރ ހަރުފައިގެ ވިހައިގައި ހިމެނޭ މި މޮލިކިއުލްއަކީ ޕެޕްޓައިޑެން ނުވަތަ އެމައިނޯ އެސިޑުތަކެއްގެ ޗޭނުތަކެއް މައްޗަށް އެކުލެވޭ މޮލިކިއުލެކެވެ. އަދި މި މޮލިކިއުލް ކޮރޯނާ ވައިރަސް އާލާވެ އިތުރުވުމަށް މަގު ފަހި ކުރާ ޕީއެލްޕްރޯ ނަމަކަށް ކިޔާ އެންޒައިމްއަކާއި ގުޅުވާލުމުގެ ސަބަބުން، ވައިރަސް އިތުރަށް އާލާ ވުމުގެ ފުރުސަތު ހަނިވެގެން ދެއެވެ.

ހަރުފަ ވިހައިގެ މޮލިކިއުލުން މިކަން ކުރާ އިރު، ހަށިގަނޑުގެ އެހެން ސެލްތަކަށް އެއްެވެސް ނުރައްކަލެއް ނުފޯރާ ކަމަށްެވެސް މި ދިރާސާއިން ދައްކައެވެ. ހަރުފަ ވިހައިގެ މޮލިކިއުލްގައި ހިމެނޭ ކޮރޯނާ ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރާ ޕެޕްޓައިޑަކީ މިހާރުވެސް ބެކްޓީރިއާއާއި ދެކޮޅަށް މަސައްކަތް ކުރާކަން ސާބިތު ވެފައިވާ ޕެޕްޓައިޑެކެވެ.

ޕްރޮފެސަރު ގީޑޯ އިތުރަށް ވިދާޅުވީ މި ޕެޕްޓައިޑު ލެބޯރެޓޮރީތަކުގައި މަސްނޫއީކޮށް ތައްޔާރު ކުރެވިގެން ދާނެެއެވެ.އެހެން ކަމުން، ބޭސްވެރިކަމުގެ ބޭނުމަށް އެ ބާވަތުގެ ހަރުފަ ހިފުމާއި ހަރުފަ ގެންގުޅުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށްވެސް ގީޑޯ ވިދާޅުވެއެވެ. ބްރެޒިލްގައި މި ބާވަތުގެ ހަރުފަ ހިފަން މީހުން މަސައްކަތް ކުރާ ކުރުން އިތުރު ވުމާއި ގުޅިގެން ބުޓަންޓަން އިންސްޓިޓިއުޓްގެ ހާރޕެޓޮލޮޖިސްޓު ގިއުސިޕެ ޕުއޯޓޯ ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސްއަށް ފަރުވާ ހޯދުމަށް ބޭނުން ކުރާނީ ސީދާ ހަރުފަ ވިހައެއް ނޫނެވެ. މިކަމަށް ބޭނުން ކުރެވިގެން ދާނީ ވިހައިގައި ހިމެނޭ ވަކި މާއްދާއެކެވެ. އެހެން ކަމުން، މި ކަމަށްޓަކައި ހަރުފަ ހިފާ މެރި ނަމަވެސް 'ދުނިޔެ ސަލާމަތް' ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން މިހާރު އަންނަނީ މި މޮލިކިއުލްގެ އެކި ޑޯޒުތަކުން މަސައްކަތް ކުރާ މިންވަރު ބަލާ، އެކި ޑޯޒުތަކުން ކޮރޯނާ ވައިރަސް މަޑުޖެއްސުމުގައި ހޯދާ ކާމިޔާބީ ދެނެގަތުމަށް ތަޙުލީލުތައް ކުރަމުންނެވެ. އަދި މި މޮލިކިއުލުން ކޮރޯނާ ވައިރަސް ހަށިގަނޑަށް އެއްގޮަތަކަށްވެސް ވަނަ ނުދީ ހިފަހައްޓައި ދޭތޯ ދެނެގަތުމަށް ވެސް ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ސައު ޕޯލޯގެ ސްޓޭޓް ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ކައިރި މުސްތަޤްބަލެއްގައި އިންސާނުންގެ ސެލްތަކުގައި މި މޮލިކިއުލް މަސައްކަތް ކުރާ ގޮތް ދެނެގަތުމަށް ޓެސްޓުތައް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއްވެސް އެ ޔުނިވަރސިޓީން ވަނީ ދީފައެވެ.

ޖަރާރަކުސޫ ވައިޕަރ އަކީ ބްރެޒިލްގައި ދިރިއުޅޭ ހަރުފަތަކުގެ ތެރެއިން އެންމެ ބިޔަ އެއް ހަރުފައިގެ ވައްތަރެވެ. މި ހަރުފަ އާންމު ގޮތެއްގައި 6 ފޫޓަށް ބޮޑު ވެއެވެ.ބްރެޒިލްގެ އިތުރުން އެޓްލާންޓިކް ފޮރެސްޓްގެ އައްސޭރިފަށުންނާއި ބޮލީވިއާ، ޕެރެގުއޭ އަދި އާރޖެންޓީނާގައިވެސް މި ވައްތަރުގެ ހަރުފަ ދިރިއުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް