ފްލައިޓު ހައިޖެކް ކުރާނެކަމުގެ އިންޒާރުދިން މީހާ ޝަރުތުތަކަކާއި އެކު ދޫކޮށްލައިފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިކެޖް ކުރާނެ ކަމަށް ބުނެ އިންޒާރުދީގެން ހައްޔަރު ކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ. އެ ހާދިސާ ހިނގީ މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ. އެމީހާ އިންޒާރު ދީނީ އެ...

02 Sep 2021 | 07:51

މޯލްޑިވިއަންގެ ފްލައިޓެއް ހައިކެޖް ކުރާނެ ކަމަށް ބުނެ އިންޒާރުދީގެން ހައްޔަރު ކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އެ ހާދިސާ ހިނގީ މިދިޔަ މަހުގެ30 ވަނަ ދުވަހު އެވެ. އެމީހާ އިންޒާރު ދީނީ އެރޭ ފުވައްމުލަކު ސިޓީން މާލެ އަންނަން ހަމަޖެހިފައި އޮތް ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފުލުހުންގެ ބަންދުން ދޫކޮށްލީ އިއްޔެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހާޒިރު ކުރުމުން ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ކަމަށެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު ކޯޓުން ކުރި ޝަރުތުތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގަ ހައްޔަރު ކުރީ34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބައެއް މީހުން މީޑިއާގައި ބުނެފައިވާ ގޮތުގައި އެމީހާ ފުވައްމުލަކު އެއާޕޯޓަށް ދިޔައީ ކާގޯ އެއް ފޮނުވާށެވެ. އަދި ފްލައިޓް ފުރަން ކައިރިވެފައި ވަނިކޮށް އެ ތަނުގައި ހުރެގެން އޭނާގެ ރައްޓެއްސަކާއި ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ފްލައިޓް ހައިޖެކް ކޮށްލާނެ ކަމައް ތިން ފަހަރެއްގެ މަތިން ބުނި ކަމަށް މީޑިއާގައި ބުނެފައިވެ އެވެ.

ފަސިންޖަރުން ބާލުވައި ފްލައިޓު ހުސް ކުރީ ތަކުރާރުކޮށް އެމީހާ އިންޒާރު ދިނުމުންނެވެ. އެކަމަކު އެމީހާ ވަނީ އެއީ މަޖަލަށް ދެއްކި ވާހަކައެއް ކަމަށް ފަހުން ބުނެފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާ ގޮތުން ފުރާދުއްވާ އެއްޗެއް ހައިޖެކް ކުރުން ނުވަތަ ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ. އަދި މަޖަލަކަށް އެފަދަ ވާހަކަ ދެއްކުމަކީވެސް ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް