އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ވަޒީފާއާ ބެހޭ ޤާނޫނެއް ހެދި ތަންފީޒުކުރެވިފައި އޮވެއެވެ. އެ ޤާނޫނުގައި ބަޔާންވެގެންވަނީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭކަމަށެވެ. އެގޮތުން މި ޤާނޫނުގައި ދެ ފަރާތުގެ ހައްގުތަކާއި ޒިންމާތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން އެއްވެސް ފަރާތަކަށް ތަފާތު ކުރުމެއް ނެތި މުވައްޒަފުންނާ މެދު އަމަލު ކުރުމަށް މި ޤާނޫނުގައި ވަރަށް ބޮޑަށް ބާރު އަޅަ އެވެ.
މި ޤާނޫނުން އިސްތިސްނާ ކޮށްފައިވާ ދާއިރާތައް ފިޔަވައި، އެހެން ހުރިހާ ދާއިރާތަކަށް އެ ޤާނޫނުގެ އުސޫލުތައް ތަފާތުކުރުމެއް ނެތި ބަރާބަރަށް ހިނގާނެ އެވެ. މި ދެންނެވި ވަޒީފާގެ ޤާނޫނަށް އަމަލު ކުރާތާ މިހާރު ބާރަވަރަކަށް އަހަރަށް ވެފައިވާއިރު، މި ގާނޫނުން ފަހިކޮށްދޭ އެންމެހާ ހައްގުތައް ހަމަހަމަކަމާ އެކު ލިބެމުންދޭތޯ މިއީ އަޅުގަނޑުމެންގެ އެންމެންގެ ހިތުގައިވެސް އުފެދޭ ބޮޑު ސުވާލެކެވެ.
ޚާއްސަކޮށް ސިވިލް ސާވިސްގެ ދަފުތަރުގައި ހިމެނޭ ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހަމަހަމަ ކަމާއި އެކު ލިބެން ޖެހޭ އެންމެހާ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ނުދާކަން އެނގެއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ވަޒީފާއި ބެހޭ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ހުރި މުވައްޒަފުންގެ އެންމެހާ ހައްގުތައް މުވައްޒަފުންނަށް ނުދިނުން ނުވަތަ އެ ހައްޤުތައްް ހަނިކުރުން އަދިވެސް އާންމުކަމެއްގެ ގޮތުގައި ވެފައި އޮތުމެވެ. އޭގެ މިސާލެއް ދަންނަވާލާނަމެވެ.
ކޮންމެ އަހަރަކު ވެސް މުވައްޒަފުންނަށް އޮންނަ އުސޫލުގެ މަތިން ދިނުމަށް ކަނޑައެޅިފައިވާ ވަޒީފާގެ ކުރިއެރުން ނުވަތަ ޕްރޮމޯޝަން ލިބުމަކީ ހަމަ ކޮންމެ މުވައްޒަފެއްގެ ވެސް ލިބިދޭ ޙައްޤެކެވެ. އެހެން ނަމަވެސް ވަޒީފާގެ ޤާނޫނުގައި އަދި ސިވިލް ސާވިސަސްގެ ވަޒީފާގެ އޮނިގަނޑުގައި ކަނޑައެޅިގެން ބަޔާންވެގެންވާ މުވައްޒަފުންގެ ވަޒީފާ ކުރިއެރުން އެއް ގޮތަކަށްވެސް ނުލިބޭ އިދާރާތައް އެބަ ހުއްޓެވެ.
ނަމަވެސް ސިވިލް ސަރވިސްއިން ސަރުކާރުގެ މުވައްޒަފުންގެ މައްޗަށް އެކުލަވާލާފައިވާ ސިވިސް ސަރވިސްގެ ޤަވައިދު ހުރިހާ މުވައްޒަފުންގެ މައްޗަށްވެސް ލާޒިމްކުރެއެވެ. ސިވިލް ސަރވިސްގެ ޤަވައިދުގެ ދަށުން މުވައްޒަފުންނަށް ލިބިދޭން ޖެހޭ އެންމެހާ ހައްޤުތަކެއް އެއްވެސް އުނިއިތުރުކުރުމެއް ނެތި ލިބިދޭންޖެހެއެވެ.
ކިތަންމެ ބޮޑު ހައްގަކުން މުވައްޒަފުން މަހްރޫމް ވިޔަސް، އެ ވާހަކަަ ނުދައްކައި އެކަން ސިއްރުކޮށްގެން މުވައްޒަފުން އަނގަ ބަންދު ކޮށްލައިގެން ގިނަ ފަހަރަށް ތިބެނީ ބުރަ މަސައްކަތުން ހޯދި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށްޓަކަ އެވެ. އެކަށީގެންވާ މުސާރައެއް ލިބޭ ވަޒީފާއެއް ހޯދުމަކީ އުނދަގޫ ކަމަކަށް ވެފައިވާއިރު، ހައްގާ ގުޅޭ ޝަކުވާ ހުށަހަޅަން މުވައްޒަފުން ޖެހިލުން ވަނީ އެވެ.
މުވައްޒަފުންނަށް ވަޒީފާގެ ގޮތުން ލިބޭ ހައްގުތަކަކީ ކޮންމެހެން ވަޒީފާ ދޭ ފަރާތުގެ ހެޔޮ ކަމުން ދޭ އެއްޗެއް ނޫނެވެ. އެއީ ގާނޫނުގައި ކަނޑައަޅާފައި ހުރި ހައްގުތަކެވެ. ވަޒީފާއާ ބެހޭ ގާނޫނުން އިސްތިސްނާ ކުރެވިފައިނުވާ ކޮންމެ މުވައްޒަފަކަށް ވެސް އެ ހައްގުތައް އެއްވެސް ތަފާތު ކުރުމެއް ނެތި ދޭން ޖެހޭނެ އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ހައްގުތައް ނުދޭ ނަމަ ނުވަތަ ހައްގު ހަނިކުރާ ނަމަ އެކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަކީ މުވައްޒަފުންގެ މަސްއޫލިއްޔަތެކެވެ. މިކަމުގައި މުވައްޒަފުންގެ ޒިންމާ ވެސް ވަކި ކުޑައެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް