އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބިއިރު ދޫކޮށްލި 85 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު މިހާރު ޠާލިބާނުގެ އަތްދަށަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ވިދާޅުވެއްޖެއެވެ.
މި ތުހުމަތުތަކާއި އެކު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ޖޫނިއަރ ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، އެމެރިކާގެ ކޮންމެ ރައްޔިތެއްގެ އަތުން މި ނިރުބަވެރި ހަރަކާތްތަކަށް މިހާރު ގާތްގަނޑަކަށް 265 ޑޮލަރު ހޭދަ ކުރެވިފައިވާނެ ކަމަށް ޓްރަމްޕް ޖޫނިއަރ ވަނީ ވިދާޅުވެފައެވެ.
އަދި މި ކަމުގެ 'ތަހުނިޔާ' ރައްދުވާ ފަރާތަކީ އެމެރިކާގެ ޑޮމޮކްރެޓިކް ޕާޓީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން އަފްޣާނިސްތާނަށް ދޫކޮށްލި ހަތިޔާރުތަކުގެ ތަފްސީލު ދެއްވަމުން ޓްރަމްޕް ޖޫނިއަރ ވިދާޅުވީ އޭގެ ތެރޭގައި 22،174 ހަމްވީސްއާއި، 8000 ޓްރަކްގެ އިތުރުން 634 އެމްއައިއައިއައި7 އާއި، 162،043 ރޭޑިއޯ ހިމެނޭ ކަމަށެވެ. އަދި އެމްއެކްސްޕްރޯ މަރުކާގެ 155 މައިން ޕްރޫފް އުޅަނދާއި، 16،035 ނައިޓް ވިޝަން ޑިވައިސްތަކާއި ވައިގެ އުދުހުންތަކަށް ބޭނުން ކުރާ ހަނގުރާމަ މަތީ އުޅަނދުތަކުގެ އިތުރުން އެތައް ސަތޭކަ ރައިފަލްއާއި ފިސްތޯލަ ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގިނަ އަދަދެއްގެ އަގުބޮޑު ހަތިޔާރުތައް އެމެރިކާއިން އަފްޣާނިސްތާނަށް ދޫކޮށްލާފައިވާ ކަމަށްވެސް ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ވިދާޅުވިއެވެ.
ޓްރަމްޕް ޖޫނިއަރގެ މި ތުހުމަތުތައް އެމެރިކާގެ މިހާރުގެ ސަރުކާރަށް އަމާޒު ވެފައި ވާއިރު، އެ ޤައުމުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ކަމަށްވާ ޖޭކް ސުލިވަން ވެސް ވަނީ އެމެރިކާއިން އަފްޣާނިސްތާނުގައި ބެހެއްޓި ހަތިޔާރުތައް ޠާލިބާނުން އަނބުރާ އެމެރިކާއަށް ރައްދު ކޮށްދިނުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ފައުޖުތައް ރަސްމީކޮށް އަފްޣާނިސްތާނުން ފައިބާފައި ވަނީ ފާއިތުވެ ދިޔަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގައެވެ.
ހުރިހާ ހަތިޔާރެއް އަނބުރާ އެމެރިކާއަށް ގެންދިއުން ދަތި ވުމާއި ގުޅިގެން އެމެރިކާގެ ފައުޖުތަކުން ފޭބީ ގިނަ އަދަދެއްގެ ހަތިޔާރު އަފްޣާނިސްތާނުގައި ބަހައްޓާފައި ކަމަށް އެމެރިކާގެ ސަރުކާރުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް