ވޯލްޑްކަޕް ކޮލިފައިން: ރޮނާލްޑޯ ފެންވަރު ދައްކާލާ ޕޯޗުކަލް މޮޅު ކޮށްދިންއިރު، އަލީ ދާއީގެ ތާރީޚީ ރިކޯޑު ވެސް މުގުރާލައިފި

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅެވޭ ޔޫރަޕް ވޯލްޑްކަޕް ކޮލިފައިންގައި ރޭ ނޯދަން އަޔަލެންޑާއި ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ. ޕޯ...

02 Sep 2021 | 03:52

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅެވޭ ޔޫރަޕް ވޯލްޑްކަޕް ކޮލިފައިންގައި ރޭ ނޯދަން އަޔަލެންޑާއި ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ.

ޕޯޗުގަލްގައި ކުޅުނު މި މެޗުން އެގައުމު މޮޅުވީ ފަހަތުން އަރައިފި 1-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ޕޯޗުގަލްއިން ޖެހި ދެ ލަނޑު ވެސް ކާމިޔާބު ކުރީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ދެ ލަނޑާއި އެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ ތާރީޙުގައި ގައުމީޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށެވެ.

ގައުމީޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ ރެކޯޑް ރޮނާލްޑޯ ރޭ މުގުރާލިއިރު، މި ރެކޯޑު މީގެ ކުރިން އޮތީ އީރާންގެ އަލީ ދާއީގެ އަތުގައެވެ.

އީރާނުގެ ލެޖެންޑް އަލީ ދާއީ އެ ރިކޯޑު ހެދީ އީރާނަށް ކުޅެދިން 149 މެޗުގައި 109 ލަނޑު ޖަހައިގެންނެވެ. 2006 ވަނަ އަހަރު ކުޅުން ހުއްޓާލި އަލީ ދާއީގެ ރެކޯޑް ރޮނާލްޑޯ ރޭ މުގުރާލިއިރު، އޭނާ އެ ރިކޯޑު މުގުރާލީ 180 މެޗުންނެވެ. އަދި ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލަށް ޖުމްލަ 111 ލަނޑު ޖަހައިދީފައެވެ.

ރޭގެ މެޗު ފަށައިގެން ވެސް މޮޅަށް ކުޅެމުން ދިޔައީ ޕޯޗުގަލްއިންނެވެ. މި މެޗުގައި ޕޯޗުގަލުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އެޓީމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިގެން ގޮސްފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސް ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަޔަލެންޑުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޔަލެންޑުން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މި ހާފުގެ ފަހު މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯން އީގަންއެވެ.

މި މެޗުގައި ޕޯޗުގަލުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު ތެރޭގައެވެ. އެގޮތުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ގޮންކާލޯ ގުއެޑެސް އަޔަލެންޑުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯ ވަނީ ޕޯޗުގަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޑިއޯގޯ ޖޮޓާގެ އެހީތެރިކަމާއެކު ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާ މި މެޗުން ޕޯޗުގަލް މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް އޭގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސާބިއާއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަތުން ބަލިވި އަޔަލެންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި ތިން މެޗު ކުޅެ ޕޮއިންޓެއް ނުލިބިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް