ފާއިތުވި އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވް 30 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ރާއްޖޭގެ އިގްތިސޯދީ ރިވިއުގައިވަނީ މިދިޔަ ޖުލައިމަސް ނިމުނުއިރު ރިޒާވްގައި ހުރީ 692.5 މިލިއަން ޑޮލަރު ކަމަށެވެ. އަދި މިއީ މިދިޔައަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު 39 އިންސައްތަ އިތުރުވުމެއް ކަމަށް ރިވިއުގައި ވެ އެވެ.
ރިވިއުގައި ވާގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ގޮތުގައި ހުރި އަދަދުގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 213.5 މިލިއަން ޔޫއެސް ޑޮލަރެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 41 ޕަސަންޓްގެ އިތުރުވުމެއް ކަމަށްވެސް ރިވިއުގައިވެ ބުނެ އެވެ. ނަމަވެސް މަހުން މަހަށް ބަލާއިރު މިއީ ނުވަ ޕަސަންޓްގެ ދަށްވުމެއް ކަމަށްވެސް ބުނެފައިވެ އެވެ.
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރި މިންވަރުން ފުދެނީ 4.2 މަހުގެ އިމްޕޯޓަށެވެ. މަހުން މަހަށް ބަލާއިރު މިއަދަދު ދަށްވެފައިވީ ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މިއަދަދު އިތުރުވެފައިވާ ކަމުގައި އެމްއެމްއޭގެ ރިވިއުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް