771 ޓެކްސީ ޑްރައިވަރުން ހޭލުންތެރިކޮށް ސެޓްފިކެޓް ދީފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓުން އިސްނަގައިގެން މާލޭގެ ހުރިހާ ޓެކްސީ ސެންޓަރުތަކުގައި މަސައްކަތްކުރާ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިންގި ...

02 Sep 2015 | 03:22

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓުން އިސްނަގައިގެން މާލޭގެ ހުރިހާ ޓެކްސީ ސެންޓަރުތަކުގައި މަސައްކަތްކުރާ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިންގި "ޓެކްސީ ޑްރައިވަރސް އެވެއަރނަސް ޕްރޮގްރާމް" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޓެކްސީ ސެންޓަރުތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދުއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންގެ  ސެޓްފިކެޓްތައް ޓެކްސީ ސެންޓަރުތަކާއި ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޢަލީ އެވެ.

މިރަސްމިއްޔާތުގައި ހެޑް އޮފް ޓްރެފިކް ޕޮލިސް މެނޭޖްމަންޓް ޑިޕާޓްމަންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ދެއްކެވި ވާހަކަފުޅުގައި ޓެކްސީ ސެންޓަރުތަކުން މި ޕްރޮގްރާމަށް ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ބައިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ޚިޔާލުތަކެއް ލިބުނު ކަމަށާއި ހުށަހެޅުންތައް ބަލައިގަނެ އެ ހުށަހެޅުންތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ބެލުމަށްފަހު އެކަންކަން ކޮށްދެވެން ހުރި މިންވަރަކުން ކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.  ޚާއްސަ ގޮތެއްގައި ޓެކްސީ ކާރުތައް ޕާރކްކުރުމަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ޓެކްސީ ޑްރައިވަރުން ހުށަހަޅުއްވާފައިވާ ކަމަށާއި އެކަމަށް ކުރެވެން ހުރި މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހުގެ 14 އިން 29 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މާލެ، ވިލިމާލެ، ހުޅުމާލޭ ހިމެނޭ ގޮތަށް 10 ޓެކްސީ ސެންޓަރަކުން ޖުމްލަ 771 ޓެކްސީ ޑްރައިވަރުން ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އަދި އެއްދުވަހުގެ މި ޕްރޮގްރާމުގައި އެއްގަމު  ދަތުރުފަތުރުގެ ޤާނޫނުތަކާއި ޓެކްސީ ޤަވާއިދުގެ އިތުރުން މަގުމަތީގެ އަދަބުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް