ސައުދީގެ ސަލާމަތީ ބާރުތަކުން މިއަހަރުގެ ދެވަނަ ކުއާޓާގައި ހިންގި އޮޕަރޭސަންތަކެއްގައި 12 ޓަނުގެ ކެނެބިސް އަތުލައިގަނެ 1300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ސައުދީގެ އިންޓީރިއަރް މިނިސްޓްރީން ބުނެފިއެވެ.
މި އޮޕަރޭސަންތަކުގައި ތިން މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައިވާކަމަށް މި މިނިސްޓްރީން މައުލޫމާތުދެއެވެ. މަރުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައާއި ގުޅުންހުރި ދެމީހެއްގެ އިތުރުން ސެކުރިޓީ އޮފިސަރެކެވެ. އަދި ޒަހަމްވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައާއި ގުޅުންހުރި ނުވަ މީހެއްގެ އިތުރުން ސައުދީގެ 25 ސެކިއުރިޓީ އޮފިސަރެކެވެ.
ހައްޔަރުކުރެވުނު 1309 މީހުންގެ ތެރެއިން 453 އަކީ އެގައުމަށް ނިސްބަތްވާމީހުންއަށް ވާއިރު، ބާކީތިބި 856 މިހުންއަކީ ތަފާތު 25 ގައުމަކަށް ނިސްބަތްވާމީހުންކަމަށް ސައުދީގެ އިންޓީރިއަރ މިނިސްޓްރީން މައުލޫމާތުދެއެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ އެގައުމަށް މަސްތުވާތަކެތި އެތެރެކޮށް އެބޭނުންކުރުމުގެ ތުހުމަތުގައެވެ. އެމިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި އޮޕަރޭސަންތަކުގައި 700 އަށްވުރެ ގިނަ ހަތިޔާރާއި، 11 މިލިއަނަށްވުރެ ގިނަ އެމްފެޓަމިން ޓެބްލެޓާއި، 12 ޓަނަށްވުރެ ގިނަ ހަޝިޝްއާއި އަދި 13 ކިލޯ އަށްވުރެ ގިނަ ރޯ ހެރޮއިން އަތުލައިގަނެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް