ގޫގަލްގެ ލޯގޯ ބަދަލުކޮށްލައިފިކަން އެނގޭތަ؟ އާ ލޯގޯ ކަމުދޭތަ؟

މިދިޔަ މަހު 10 ވަނަ ދުވަހު ގޫގަލް ކުންފުނި އުވާލައި އާ ކުންފުންޏެއް އުފައްދާ އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏަކަށް ގޫގަލް ހެދުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބުނެވެ. އަދި އެ ވަރުގ...

02 Sep 2015 | 02:06

މިދިޔަ މަހު 10 ވަނަ ދުވަހު ގޫގަލް ކުންފުނި އުވާލައި އާ ކުންފުންޏެއް އުފައްދާ އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏަކަށް ގޫގަލް ހެދުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބުނެވެ. އަދި އެ ވަރުގެ ބޮޑު ބަދަލެއް ކުއްލިއަކަށް ގޫގަލުން ގެނައީ ކީއްވެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އަދި އެ ބަދަލާއެކު މާކެޓްގައި ގޫގަލްގެ އަގުވެސް ވެއްޓިގެން ދިޔަ އެވެ.

ނަމަވެސް އަނެއްކާވެސް ގޫގަލުން މިވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ އެތައް ޒަމާނެއް ވާންދެން އެމީހުން ބޭނުންކުރަމުން އައި ލޯގޯ ބަދަލުކޮށްލުމެވެ. މާ ބޮޑު ބަދަލެއް ނޫންނަމަވެސް ލޮލުގައި އަޅައިގަންނަ ވަރުގެ ބަދަލެކެވެ. ކުލަތަކާއި ފޮންޓް ރީތިކޮށްލައިފި އެވެ.

ގޫގަލްގެ އާ ލޯގޯގައި ބޭނުންކޮށްފައިވަނީ ސޭންސް-ސެރިފް ފޮންޓެވެ. މި ފޮންޓަކީ ގޫގަލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ލޯގޯގައިވެސް ބޭނުންކޮށްފައިވާ ފޮންޓެވެ. މި ފަހަރު ކުލަތައް ހުރީ "ސޮފްޓް" ކޮށްލާފަ އެވެ.

1998 އިން ފެށިގެން ހަތަރު ކުލައެއްގެ މައްޗަށް އެކުލެވޭ ގޫގަލްގެ ލޯގޯއަށް ދޭތެރެ ދޭތެރެއިން ކުދި ކުދި ބަދަލުތައް ގެނެ އެވެ. ނަމަވެސް މި ފަހަރު މި ގެނައިވަރުގެ ބޮޑު ބަދަލެއް އޭގެ ފަހުން ގެނެސްފައެއް ނުވެ އެވެ.

މި ބަދަލާއިމެދު ގޫގަލްގެ ޑިސްކަޝަން ޕޯސްޓެއްގައި ބުނެފައިވަނީ ޒަމާނާއެކު ގޫގަލްވެސް ބަދަލުވީ ކަމަށާއި ގޫގަލް އަކީ މިހާރު ހަމަ އެކަނި ވެބްސައިޓެއް ނޫން ކަމަށެވެ. އާންމު ދިރިއުޅުމުގެ ބައިވެރިއެއް ކަމަށެވެ. އަދި ގެނެވުނު ބަދަލާއެކު ބޭނުންކުރާ ފަރާތްތަކަށް ހިނިތުންވުމެއް ގެނުވާނެ ކަމަށެވެ.

ގޫގަލްގެ ލޯގޯއަށް މި ގެނައި ބަދަލާއެކު މާކެޓްގައި ގޫގަލްއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އަތުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އަނެއް ބަޔަކު ބުނަނީ ގޫގަލްގެ އާ ސީއީއީ، އިންޑިއާއަށް އުފަން ސުންދަރު ޕިޗާއީ ގޫގަލަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ފެށީ މާ އަވަހަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް