ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ދެމި ތިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކަންކަން ކުރާނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫން ކަމަށެވެ. އަދި ކަންކަން ކުރާނީ އިލްމުވެރިންގެ ފުރިހަމަ މަޝްވަރާއާއި އެކު ކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކަންކަން ކުރާނީ ޤުރްއާނާއި ސުންނަތާ އެއް ގޮތަށް ކަމަށެވެ. އަދި ފަލަސްތީނުގެ ޙައްގުގައި އަބަދުވެސް ދެމި ތިބޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު އަލީ، އެކްސްގައި ކުރައްވާފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.
ޒާހިރު ވިދާޅުވީ، އަދާލަތު ޕާޓީގެ މަޖިލީހުން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ހުކުރު ދުވަހު މެންދުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދު ކޮށްދިނުމަށް އެދި ޖުލައި މަހު31 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ރަސްމީކޮށް އެދުމުން، އިސްލާމިކް މިނިސްޓްރީން ރަސްމީ ޖަވާބެއް ނުދެއްވާކަމަށެވެ. އަދި މިއަދު ހެނދުނު އިމާމުން ތިއްބަވާ ވައިބާ ގުރޫޕްގައި، ކަށު ނަމާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަމަށް ބުނި ބުނުން އެއްވެސް ގޮތަކަށް ބަލައެއް ނުގަނެވޭ ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.
މިއަދު ރާއްޖޭގެ ބައެއް މިސްކިތް ތަކުގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދުކޮށްފައިވީ ނަމަވެސް، ހުރިހާ މިސްކިތްތަކެއްގައި ކަށު ނަމާދު ކޮށްފައެއް ނުވެއެވެ.
އަދި ކަށު ނަމާދު ކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރިއާލާ އަންގާފައެއްވެސް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް