މިދިޔަ ބުދަ ދުވަހު މެންދުރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މީހަކަށް އަނިޔާވި މައްސަލާގައި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެކްސިޑެންޓްވުމުން ކާރުގައި ތިބި މީހުން ވަނީ އެކްސިޑެންޓްވި ސީންއިން ފިލައިގެން ގޮސްފައެވެ. އެ މައްސަލައާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ، މާލެ/ ހ.ނޫރަންމާގެއާގެ، އިކްރާމްއަބްދުއްރަހުމާން އާއި، މާލެ/ މ. ލޭންޑްއޮފްގާރޑްން، އިބްރާހިމް އިކްރާމް އާއި، ގއ ކަންޑުހުޅުދޫ/ އަޒާދުގެ، ޖިނާހް އިސްމާއިލްއެވެ.
މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުން ބުނީ އެމީހުންގެ ދަރިން ތިބޭ ކަމަށާއި ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދޭ ކަމަށެވެ.
ކޯޓުގައި ވާހަކަދައްކަމުން ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް ބުނީ، އެކްސިޑެންޓްވި ސީން ދޫކޮށް ދިޔައީ މެޔަށް ތަދުވާތީ ކަމަށެވެ. އަދި ފުލުހުން ގާތުގައި ބުނެފައިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ފުލުހުން ވަނީ އޭނާގެ ވާހަކަތަކަށް އިންކާރުކޮށްފައެވެ.
ބާރު ސްޕީޑުގައި އައި ކާރު ޖެހުނީ މަގުމަތީގެ އެއްފަރާތުގައި ސައިކަލެއްގައި މަދުކޮށްލައިގެން އިން މީހެއްގެ ގައިގައެވެ.
އެމީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާއިރު އެމީހާގެ ހާލު ސްޓޭބަލް ކަމަށް ޑރ އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެމީހަށް އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް