ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއްކަން ހުކުރު ޚުޠުބާގައި ހަނދުމަކޮށްދީފިއެވެ.
މިއަދު ހުކުރު ޚުޠުބާގެ މަޢުޟޫ އަކީ " ޙަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށެވެ!" މި މަޢުޟޫ އެވެ.
މިއަދުގެ ޚުޠުބާ ފަށަމުން ބުނެފައިވަނީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށެވެ. ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫން ކަމަށެވެ. އަދި ދަރަނި އަދާކުރާން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށެވެ. ދަރަނި ނުދެއްކި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެ ކަން ވެގެންނެއް ނުވާނޭކަމަށާއި އެ ފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދުކުރުން ކަމަށާއި ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
"ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް، އަދި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެއް، އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް" ޚުޠުބާގައި ބުނެފައިވެއެވެ.
ދަރަނީގެ މުޢާމަލާތަކީ، ޝަރުޢީ ޙުކުމްތަކެއް ހުރި ކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ ދަރަނީގެ މުޢާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން ޖެހޭނެ ކަމަށާއި ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ.
"މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެ، ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެއް، ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެއް، ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ޚުޠުބާ ނިންމާލާފައިވަނީ ދަރަނިވެރިވެ، އެ ދަރަނީން މިންޖުނުވެގެން އުޅެން ޖެހިދާނެތީ، އެ ކަމުން ރައްކައުތެރިވުމަށް އެދި ދުޢާކުރުމަށް އިލްތިމާސްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް