ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަކީ ރައީސްގެ ބޮޑު އަމާޒެއް: ފައިޞަލް

ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާއި، އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވާ މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅެއްކަމަށް ނ...

02 Aug 2023 | 18:55

ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާއި، އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވާ މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅެއްކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭގައި ބޭއްވި ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސް ޞާލިހު ކުރައްވާ މަސައްކަތްޕުޅު ނާއިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ނާއިބު ރައީސް ވިދާޅުވީ ޤައުމެއްގައި ދިރިއުޅޭ ރައްޔިތިތަކަށް އެންމެ ބޭނުންވާ އެއްކަމަކީ އަމާންކަމާއި ރައްކާތެރިކަން އެގައުމެއްގައި ކަށަވަރުވެފައި އޮތް ވެއްޓެއް ގާއިމު ވުންކަމަށެވެ. އަދި އެކަމަށްޓަކައި ރައްޔިތުންނާއި އެންމެ ގާތުން އަބަދުވެސް މަސައްކަތް ކުރާނީ ފުލުހުންކަމަށާއި، ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ ކަންކަން ރަނގަޅު ކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮންމެ ގައުމެއްގައިވެސް ތަފާތު އެކިއެކި މައްސަލަތައް ހުންނާނެ، ރައްޔިތުންގެ މެދުގައި ތަފާތު އެކިއެކި ކަންތައްތައް އަބަދުވެސް ހިނގާނެ އެގޮތުން އަޅުގަނޑުމެންނަށްވެސް ދުވަހުން ދުވަހަށް އިސްލާޙްކުރަންޖެހޭ ކަންކަން އަންނަނީ ކުރިމަތިވަމުން. އެކަންކަން ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފުލުހުން އަންނަނީ ކުރަމުން އަދި ޒުވާނުން މިކަންކަމުގެ ތެރެއަށް ނުވަދެ ގައުމަށް ހިދުމަތް ކުރުމުގެ ރޫހް އާލަން ކުރަންޖެހޭ" ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ އަސާސީ ތަމްރީންކޯސް ފުރިހަމަކުރި ފުލުހުންނަށް މަރުހަބާ ދަންނަވާފައެވެ.

އޭގެ އިތުރުން އެ ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށްވެސް ނާއިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މި ކޯހުން ވަނަވަނައަށް އައި ފުލުހުންނަށް ސެޓްފިކެޓާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއެވެ. އަދި މި ރަސްމިއްޔާތުގައި ތަމްރީން ފުރިހަމަކޮށް ފުލުހުންގެ ޤައުމީ ޙިދުމަތަށް އަލަށް ނުކުތް ފުލުހުންނަށް ވަނީ އަޒުމް ލައިދީފައެވެ.

މީގެ އިތުރަށް، ފުލުހުންގެ ހިދުމަތައް ނުކުތް ފުލުހުން ޝަރަފްގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

މި ކޯހަކީ ޔުނިވާސިޓީ ޕްރޕަރޭޝަން ޕޮރޮގްރާމެއްގެ ގޮތުގައި ފާސްކުރެވިފައިވާ ތަމްރީނު ޕޮރޮގްރާމެކެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި އައްޑޫ ސިޓީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި، ފުލުހުންގެ އިސް އޮފިސަރުންނާއި މި ކޯހުގެ ބައިވެރިންގެ ބެލެނިވެރިން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް