ތަމްރީނުވެގެން ނުކުންނަ ފުލުހުން، ތަމްރީނުގައި ކަންކަން ދަސްވިގޮތަށް ޚިދުމަތްކުރުމުގެ އަޒުމުގައި މަސައްކަތްކުރުމަށް އިސްކަންދިނުމަށާއި އެ އަޒުމުގައި ދެމިތިބޭނެ ބަޔަކަށްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންގެ ކިބައިން އެދިލައްވައިފިއެވެ.
މިފަދައިން ސީޕީ އެދިލެއްވީ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 35 ވަނަ ބުރުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްވި ވާހަކަފުޅުގައެވެ.
އެގޮތުން ސީޕީ ވިދާޅުވީ ތަމްރީނު ފުރިހަމަކުރުމަށްފަހު ޚިދުމަތަށް ނުކުންނަ ފުލުހުން އިސްކަންދޭންވާނީ އެ މަސައްކަތް އިތުރަށް ރަނގަޅުކޮށް މަސައްކަތް ކުރުމުގައި ހުރެދާނެ ނުރަނގަޅު ސަގާފަތެއްވާނަމަ އެ ސަގަފާތެއް ބަދަލުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުމަށް ކަމަށެވެ.
އަދި މުޖުތަމައުގެ ތެރެއިން ކުށެއް ކުރާތަން ފެނިއްޖެނަމަ އެކަމަކަށް ފުރިހަމައަށް އެޓެންޑުވުމުގެ ގާބިލުކަމާއި ފެންވަރު ހުންނަންވާނެކަމަށާއި، މަސައްކަތްކުރަމުން ދަނީ ތަފާތު ހާލަތްތަކާ ބައްދަލުވުމަށް ފުލުހުންނަށް ބޭނުންވާނެ ފުރިހަމަ ތަމްރީނު ހުރިހާ ފުލުހުންނަށްވެސް ފޯރުކޮށްދިނުމަށްކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރަށް، ފުލުހުންގެ އަސާސީ ތަމްރީނަކީ ޚިދުމަތާ ގުޅޭ ފުލުހުން ފުރިހަމަ ފުލުހަކަށް ބަދަލުކޮށްލާ މަރުހަލާ ކަމަށާއި އަސާސީ ތަމްރީނުގެ މިބައި ފުރިހަމަކޮށްގެން އަމަލީގޮތުން މަސައްކަތް ދަސްކުރުމަށް ނުކުންނައިރު ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތާމެދު ވިސްނާ ގޮތް ތަފާތުވާނެކަމަށް ވިދާޅުވިއެވެ.
އޭރު ވަސީލަތްތަކުގެ ދަތިކަން ހުރިގޮތުން ވަޒީފާގެ މަސްއޫލިއްޔަތާ ހަވާލުވި ހިސާބުން މިފަދަ ތަމްރީނެއް ފުރިހަމަކުރުގެ ފުރުސަތުލިބިފައި ނުވިނަމަވެސް މިހާ ހިސާބުންވެސް އެ ތަމްރީނު ލިބިގެން ދިއުމަކީ އޭގެ ފައިދާ ހެޔޮގޮތުގައި މަސައްކަތަށް ކުރާނެ ކަމެއްކަމަށް ޔަގީންކުރައްވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ހަމައެއާއެކު، ފުލުހުންގެ ޚިދުމަތް މިއަދާ ހަމައަށް ގެނެވިފައި މިވަނީ ގިނަ ބައެއްގެ ބައިވެރިވުމާއި، ވިސްނުމާއި، މިންނެތް މަސައްކަތުގެ ތެރެއިންކަމަށާއި މިއަދުގެ ދިވެހި ފުލުހުންގެ ޚިދުމަތަކީ ހުރިހާ ކަމެއްގައިވެސް އަދި ހުރިހާ ވަގުތެއްގައިވެސް ރައްޔިތުންގެ ބޭނުންތައް އިސްކުރާނެ މުއައްސަސާއެއްކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ، ދަތި އަދި ހާސްކަމުގެ ހާލަތު މެދުވެރިވެފައި ތިބޭ މީހުންނާއި ނަފުސާނީ ސިއްހަތުގެ ގޮންޖެހުންތައް ކުރިމަތިވެފައިވާ މީހުންގެ ހާލަތު ދަނެ ރަނގަޅަށް އަޅާލަން ދަސްކުރުމަށާއި ކުރިމަތިލުމަށްވުރެ މުއާމަލާތުކުރަން އިސްކަންދީގެން ހާލަތްތަކުގެ ހޫނުކަން ދަށްކުރަން މަސައްކަތްކުރުމަށް ކޯހުގެ ދަސްވެނިންނަށް އިރުޝާދު ދެއްވާ ކަމަށެވެ.
ހަމައެފަދައިން، ރައްޔިތުންގެ ޚިދުމަތްދާރުންގެ ގޮތުގައި ދެމިތިބުމަށް ޕްރޮފެޝަނަލް ގާބިލިއްޔަތު މަތިކުރުމަށް އަބަދުވެސް އުނގެނުމަށް އިސްކަންދިނުމަށާއި މުޖުތަމައާއި ޕަބްލިކް އަދި ޕްރައިވެޓް މުއައްސަސާތަކާއެކު، މައްސަލަތަކަށް ދުރާލާ ހައްލުހޯދުމަށް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ކުރިއަށް ނެރުމުގެ އިތުރުން ދެފުށް ފެންނަ އަދި ޖަވާބުދާރީވާ ނިޒާމެއްގެ ތެރޭގައި އެންމެ މަތީ މިންގަނޑުތަކުގެ މަތީ ދެމިތިބުމާއި ހެދޭ ގޯހުން އިބުރަތް ލިބިގަނެ ޕްރޮފެޝަނަލް ފުލުހުނަށް ވުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށްވެސް ސީޕީ އެދިލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް