ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް ފާރިސް މައުމޫން ތާއީދު ފޯމު ފުރަމުން އަންނައިރު އެ ފޯމުގައި ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް ސޮއި ކުރައްވައިފިއެވެ.
ރައީސް މައުމޫނާއި ނަސްރީނާ ފާރިސަށް ތާއިދުކޮށް ސޮއިކޮށްފައިވާ ފޯމުގެ ކޮޕީއެއް ދުވަހަށް ލިބިފައިވެއެވެ.
އެމްއާރްއެމްގެ ނަމުގައި ރިޔާސީ އިންތިހާބަށް ނުނިކުމެވޭ ހާލަތެއް އަތުވެއްޖެ ނަމަ، އަމިއްލަ ގޮތުން ވާދަ ކުރައްވަން ތާއީދު ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ހުށަހަޅަން ބޭނުންވާ އަދަދު ކަމުގައިވާ 1500 ސޮއި ހަމަވެފައިވާކަން އިއްޔެ އެ ޕާޓީން ހާމަކޮށްފައިވެއެވެ.
އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް “ދުވަސް”އަށް ވިދާޅުވީ ޕާޓީގެ އަދަދަށް މެމްބަރުން ދަފްތަރުގައި ނެތް މައްސަލަ ކޯޓުގައި މިވަގުތު ހިނގަމުން ދާތީ، ފާރިސްގެ ކެނޑިޑެންސީ އީސީން ބަލައިގަންނާނެކަން އަދި ޔަގީން ނުވާ ކަމަށެވެ.
އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަކީ ރައީސް ޔާމީންގެ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ސިޔާސީ ލީޑަރެއްގެ ގޮތުގައި ފެނިގެންދިޔަ ސަހުސިއްޔަތެކެވެ. އެހެން ނަމަވެސް ކޯލީޝަނެއްގެ ތެރެއިން އާ ސަރުކާރެއް އުފެދި އެ ސަރުކާރުގެ ހިއްސާދާރެއްގެ ގޮތުގައި އެމްއާރްއެމް ދެމި އޮތުމުގެ ތެރޭގައި ފާރިސް އެހާ ފާޅުކަންބޮޑު ގޮތެއްގައި ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް