އޮންލައިންކޮށް ރީ ރެޖިސްޓަރ ވީ 19 ހާސް މީހުން، މިރޭ ސުންގަޑި ހަމަވާނެ

ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނެ މުއްދަތު މިރޭ12:00ގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް އޮންލައިންކޮށް ރަޖިސްޓަރ ކުރީ19065 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބު...

02 Aug 2023 | 08:09

ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނެ މުއްދަތު މިރޭ12:00ގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް އޮންލައިންކޮށް ރަޖިސްޓަރ ކުރީ19065 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އޮންލައިންކޮށް އަފި ފޯމު ހުށަހަޅައިގެން ޖުމުލަ25708 މީހުން އިއްޔެގެ ނިޔަލަށް ރީ-ރަޖިސްޓަރ ވެފައި ވާކަމަށް އީސީން ބުންޏެވެ.

އީސީން ވަނީ މިރޭގެ ނިޔަލަށް އޮންލައިންކޮށް ރީ-ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައެވެ. ނަމަވެސް ފޯމު ހުށަހަޅައިގެން ރީ ރަޖިސްޓާ ކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އޮންލައިންކޮށް ރީ ރަޖިސްޓަރ ކުރުމަށް:

https://form.elections.gov.mv

ރީ ރަޖިސްޓަރ ވުމަށް ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ކުރިންނެވެ.

އީސީއިން ބުނީ، މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020” ގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މާލެގައެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ. މީގެއިތުރުން (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

ރީ-ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ “ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު” އިންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން ދާ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ޖެހެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ފޯމު ހިފައިގެން ދާ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ އޮގަސްޓު ފަހެއްގެ ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. 2023 އޮގަސްޓް 5 ވާ ހޮނިހިރު ދުވަހު މެންދުރުފަހު 04:00 ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް