ޤައުމުގައި ސުލްޙަމަސަލަސްކަން ޤާއިމުކުރުމަކީ ޔުނީފޯމުގައި ތިބޭ ބަޔަކު އެކަނި ކުރަންޖެހޭ މަސައްކަތެއްކަމަށް ނުދެކި، ޤައުމުގައި ތަރައްޤީއާ އަމާންކަމާ ތަހުޒީބު ބޭނުންވާނަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް އޮންނަކަން ޤަބޫލުކޮށް ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 35ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިންގ ކޯހުގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރޭ ބޭއްވިގެން ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ޤައުމެއްގައި ފުލުހުންގެ ޚިދުމަތް މުހިންމުވާނެ މިންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ހަމަ އެފަދައިން، ޤައުމެއްގައި ދިރިއުޅޭ ރައްޔިތަކަށް އެންމެ ބޭނުންވާނީ އަމާންކަމާ، ހުރިހާ ރައްޔިތުން ޙިމާޔަތްކުރެވިފައިވާ ވެއްޓެއް ޤާއިމުވެފައި އޮތުންކަން ފާހަގަކުރައްވައި އެކަން ކުރުމުގައި ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފުލުހުން ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައެވެ.
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުވާލާފައެވެ. އަދި ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ޝުކުރު ދެއްވާފައިއެވެ.
މީގެ އިތުރަށް، ނައިބު ރައީސް ވިދާޅުވީ މިއަދު ޒުވާނުން އިސްކަންދޭންވީ ޤައުމަށް ޙިދުމަތްކުރަންކަމަށާއި، ޤައުމަށް ޚިދުމަތްކުރުމަކީ ފަޚުރެއްކަމަށް ހަދަންޖެހޭކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުވާލާފައިއެވެ.
ރޭގައި ބޭއްވި ރަސްމިއްޔާތަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތެވެ. އަދި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޕްލާކް ޙަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް