ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސްކޮލަރޝިޕް ދިނުމުގެ ސިޔާސަތުގެ ދަށުން، މެޑިކަލް ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް މި ސަރުކާރުން ހުޅުވާލި " މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަރޝިޕް 2023 "ގެ ނަތީޖާ އިއުލާނުކޮށްފިއެވެ.
ޑަކުޓަރުން އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް މި ސްކޮލަރޝިޕް ހުޅުވާލީ މިއަހަރުގެ އެޕްރީލް 20 ވަނަ ދުވަހުގައެވެ.
މި ސްކޮލަޝިޕްތަކުގެ ވަގުތީ ނަތީޖާ އިއްޔެ އިއުލާން ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ މީހުން ބިނާ ކުރުމުގެ ދާއިރާއަކީ މިސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ. އަދި މިއަދު ސްކޮލަރޝިޕް ލިބުނު ޑޮކްޓަރުން ސްޕެޝަލައިޒްވުމަށްފަހު ގައުމަށް އެނބުރި އައިސް ރައްޔިތުންނަށް އެ ޑޮކްޓަރެއް މަސައްކަތް ކުރާ ސަރަހައްދުތަކުން ބޭނުންވާ ސިއްހީ ޚިދުމަތްތައް ފަސޭހައިން ލުއި ފަސޭހަކޮށް ލިބިގެން ދިއުމަކީ އުއްމީދު ކުރައްވާކަމެއް ކަމަށެވެ.
ސްކޮލަރޝިޕްތަކަށް އެދި ޖުމްލަ 49 އެޕްލިކޭޝަން ލިބިފައިވާއިރު، މިއަހަރު ހުޅުވާލީ ހަތް ފުރުސަތެވެ. އެއީ ކޮންމެ ދާއިރާއަކުން ވެސް އެއް ޑޮކްޓަރަކު ސްޕެޝަލައިޒް ވުމަށް ހުޅުވާލި ފުރުސަތުތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ:-
- އެނެސްތީސިއޮލޮޖީ
- އިންޓަރނަލް މެޑިސިން
- ސްޕައިން ސާރޖަރީ
- ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ
- ގައިނެކޮލޮޖީ
- ޖެނެރަލް ސާރޖަރީ
- ޕީޑިއޭޓްރިކްސް
މި ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ސްޕެޝަލައިޒްވުމަށް އިޚްތިޔާރުކޮށްފައިވާ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވަނީ ބުނެފައެވެ.
އިއްޔެ ވަގުތީ ނަތީޖާ މި އިޢުލާނުކުރެވުނު ހަތް ސްކޮލަރޝިޕްގެ ދާއިމީ ނަތީޖާ އިޢުލާނުކުރަން ހަމަޖެހިފައިވަނީ މި މަހު 10 ވަނަ ދުވަހުގައެވެ. އަދި ދާއިމީ ނަތީޖާއަށް ބިނާކޮށް ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވިއްޖެކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އަން-ކޮންޑިޝަނަލް ޕްލޭސްމަންޓް ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ދިހަ މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެކަމަށްވެސް ބުނެފައިވެއެވެ.
ވަގުތީ ނަތީޖާ ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ. ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕްތައް މިސަރުކާރުން ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު އަށް ސްކޮލަރޝިޕްގެ ފުރުސަތު ދީފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް