އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް: ރައީސް ސާލިހް

އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއް...

02 Aug 2022 | 17:57

އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވަނީ މޯލްޑިވްސް - އިންޑިއާ ޕާރޓްނަރޝިޕަކީ ދެ ޤައުމުގައި ހުރި ތަފާތު ވަޞީލަތްތަކާއި ދެ ޤައުމުގެ ސައިޒުގެ ގޮތުން ދެ ޤައުމުގެ ކުރިއެރުމަށް ވެސް ފައިދާކުރަނިވި ނަމޫނާ ޕާރޓްނަރޝިޕެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އިންޑިއާއާއެކު ގާތް ރަޙްމަތްތެރި ގުޅުމެއް ބޭއްވުމަށްކަން ވެސް ފާހަގަކުރައްވާފައެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ދަޢުވަތުދެއްވައި، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މިހާރުގެންދަނީ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާއި ރަޙްމަތްތެރި އަދި ސިންދަފާތު އިޤްތިޞާދެއް ބިނާކުރުމަށް ކަމަށެވެ. އެހެންކަމުން އިޤްތިޞާދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުޞަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫޢަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލުކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކޮށް ޤުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުންދިޔަ ޤުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށް ވެސް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް