އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އިޖުތިމާއީ އަދި އުމުރާނީ ތަރައްޤީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު އަށް ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސް ސާލިހު ޝުކުރުއަދާކުރެއްވީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވެވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ރައީސްގެ މަޤާމަށް އެކަމަނާ ވަޑައިގެންނެވުމާއި ގުޅިގެން މަރުޚަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ރިޔާސީ ދައުރުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިބައްދަލު ކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ގެންގުޅުއްވާ ސަރުކާރުގެ ސިޔާސަތުތަކަށާއި، ރައްޔިތުންގެ ތަރައްޤީ އާއި ކުރިއެރުމަށް ކުރައްވަމުން ގެންދަވާ ނަމޫނާ މަސައްކަތްތަކަށް ތަޢުރީފް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުން އަންނަ އިޖުތިމާއީ އަދި އުމުރާނީ ތަރައްޤީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގޭ ދިވެހިރައްޔިތުންނަށް ފައިދާހުރި މުހިއްމު މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ވެސް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ދެ ގައުމުން މިއަދު ވެވުނު 6 އެއްބަސްވުމުގެ ދަށުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން އިޤުތިޞާދީ ރޮނގުންނާއި ވިޔަފާރީގެ ރޮގުން އަދި ޘަޤާފީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށާއި، މޯލްޑިވްސް-އިންޑިއާ ޕާޓްނަރޝިޕަކީ، ސަރަހައްދަށް ނަމޫނާއެއްކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެކު އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމު ބޭއްވި މިބައްދަލު ކުރެއްވުމަކީ އެކަމަނާ އިންޑިއާގެ ރައީސްގެ މަޤާމުގެ ހުވާކުރެއްވުމަށްފަހުގައި، ބޭރު ޤައުމެއްގެ އިސްވެރިއަކާއި އެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ދިވެހި ވިޔަފާރިވެރިންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް