ތިލަމާލޭ ބްރިޖުގެ ބިންގާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަޅުއްވައިފި އެވެ.
ބްރިޖުގެ ބިންގާ އަޅުއްވާފައިވަނީ ރައީސް ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތު އޮތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އެވެ.
އެ ރަސްމިއްޔާތުގައި މާލޭގައި ތިބި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތީ، ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ތިއްބަވައިގެންނެވެ. މާލޭގައި ތިއްބަވައިގެން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ބައެއް ވަޒީރުން ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހަދާ ބްރިޖާއި ހުޅުމާލޭގައި އިމާރާތްކުރާ 4،000 ހައުސިން ޔުނިޓްގެ މަޝްރޫއު އަކީ އަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ރަމްޒެއް ކަމަށެވެ.
ބޮޑޫވަޒީރު މޯދީ ވިދާޅުވީ އަބަދުވެސް ރާއްޖޭގެ ތަރައްގީ އަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓުވާނީ ރާއްޖޭގެ މިހާތަނަށް ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު އަށް ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރުން ވަނީ އިންޑިއާއާ އެކު މުޅިން އާ ހަ އެއްބަސްވުމުގެއްގައި ވެސް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެނުންގެ ތަރައްގީ އާއި މީހުން ބިނާކުރުމާއި މަސްވެރިކަމާއި ސައިބާ ސެކިއުރިޓީ އާއި ކާރިސާތަކުގައި އެހީތެރިކަން ދިނުމާއި ފުލުހުންނަށް ބޭނުންވާ އުމްރާނީ ތަރައްގީގެ އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ.
މި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މެދު ތެރެއަށް މާލެ އާއި ވިލިމާލެ ގުޅާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް