ގައުމަށް ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެން ސިންގަޕޫރުގައި ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތާބޭ ރާޖަޕަކްޝްޔަ އަށް ވަކި ހާއްސަ އިމްތިޔާޒެއް އަދި ހާއްސަ ކަމެއް ނުދޭކަމުގައި ސިންގަޕޫރު ސަރުކާރުން ބުނެފިއެވެ.
ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން މިހެން ބުނެފައިވަނީ ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް އެކަމާއި ގުޅޭގޮތުން ފޮނުވާފައިވާ ސިޓީފުޅެއްގައެވެ. އެ ސިޓީފުޅު ސިންގަޕޫރުން ސްރީ ލަންކާއަށް ފޮނުވީ ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެ މައުލޫމާތު ހޯދަން އެދުމުންނެވެ.
އެ ސިޓީގައި ސިންގަޕޫރުން ބުނެފައިވަނީ ގައުމެއްގެ ކުރީގެ ރައީސަކަށް ވީތީ ވަކި އިމްތިޔާޒުތަކެއް ހާއްސަ އަހައްމިއްޔަތެއް ސިންގަޕޫރުން ނުދޭނެ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، ސިންގަޕޫރަށް އެތެރެވުމުގެ ޝަރުތުތައް ހަމަވާ ކޮންމެ މީހަކަށް އެ ގައުމަށް އެތެރެވެވޭނެކަމަށްވެސް ބުނެފައިވެއެވެ. އަދި ގައުމަކުން އެ ގައުމެއްގެ މީހަކު އެތެރެވިޔަ ނުދޭން އެ ގައުމެއްގެ ސަރުކާރުން އެދިއްޖެ ހިނދެއްގައި އެކަމަށް ރިއާޔަތްކުރާނެކަމުގައިވެސް ބުނެފައިވެއެވެ.
މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގޮތާބޭ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެެވެ. އެއަށްފަހު 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.
ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް